ޚަބަރު

ބޭނުމީ އަމިއްލަ އިޚްތިޔާރުގައި ދޭ ވޯޓު އެކަނި: ފާރިސް


  • ފައިސާ ހުށައަޅައިގެން ވޯޓު ބޭނުން ނުވާކަމަށް

  • ޤާބިލު ބޭފުޅުން މަގާމުތަކަށް އައްޔަންކުރާނެކަމަށް

  • އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް

  • ހަމަ ހަމަކަމާއެކު ދެފުއް ފެންނަ ސަރުކާރަކަށް ހަދާނެކަމަށް

އަމިއްލަ އިޚްތިޔާރުގައި އިޚްލާސްތެރިކަމާއެކު ދެއްވާ ވޯޓު ފިޔަވައި އެހެން ވޯޓެއް ބޭނުން ނުވާކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރިޔާސީ ވަޢުދުފުޅުތަކާ ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފާރިސް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު އަދުލުވެރިކަމުގެ ނިޒާމަކަށް ބަދަލުކުރަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރުން ކަންކަން ނިންމާއިރު ނިންމަން ވާނީ ހަމަ ހަމަކަމާއެކު ދެފުއްފެންނަ ގޮތަށްކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ދިވެހި ތާރީހުގައިވެސް މީގެ ކުރިން ނެތްހާ ގިނަ އާމްދަނީ އެއް މިހާރު ދައުލަތައް ލިބެމުންދާކަމަށެވެ. އަދި ތާރީހުގައި ނެތްވަރަށް ތައުލީމީ މޮޅު މީހުން ރާއްޖޭގައި އެބަތިބިކަމަށާއި، ރައްޔިތުންގެ ފުދުންތެރިކަންވެސް އިތުރުވެފައިވާކަމަށެވެ. ފާރިސް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ކަން ހިނގާ ގޮތް އެނގޭކަމަށާއި، ރައްޔިތުން މިހާރު ތިބީ އެކަންކަމަށް ހޭލުންތެރިވެފައިކަމަށެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަކީ އެތައް ސަތޭކަ އަހަރަކު މިނިވަންކަންމަތީ ތިބިބައެއްކަމަށާއި، އެހެންނަމަވެސް މިހާރަށް ބަލާއިރު އެ މިނިވަންކަންވެސް ފޭދިގެން ދާ ހިސާބަށް ގޮސްފައިވާކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގައި އިގްތިޞާދީ އަދި ފުޑް ސެކުއިރިޓީއެއް ނެތްކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒަރަށް އަންނަ ކުޑަކުޑަ ލޮޅުމަކުން ރައްޔިތުން ތިބީ ވަރަށް ނިކަމެތިވެގެން ދާ ހާލަތުގައިކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ، ދިވެހިރާއްޖޭ ހަމަ އެކަނި ބަރޯސާވަނީ ޓުއަރިޒަމަށްކަމަށެވެ. މިއާއެކު ދައުލަތުގެ ހިންގުމުގެ ނުވަތަ އިގްތިޞާދު ބިނާކުރުމުގައި ކޮންމެސް ހިސާބަކުން ގޯހެއް އެބައޮތްކަމަށް ފެނިވަޑައިގަންނަވާކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ މީގެ ކުރިން ނުލިބޭހާ ވަސީލަތްތައް ލިބި، ކުރީގައި ނުދާހާ ނިކަމެތި ހާލަތަށް ގައުމާއި ރައްޔިތުން ގޮސްފައި އޮތުމަކީ ދައުލަތް ބޮޑުތަކުން ފެއިލްވެފައި އޮތުންކަމަށެވެ.

"ވޯޓް ހޯދޭނެ ހަމަ އެކަނި ގޮތަކީ ފައިސާ ހުށައަޅައިގެން ކަމަށްވާނަމަ އަޅުގަނޑުމެން އެބޭފުޅުންގެ ވޯޓެއް ބޭނުންމެއް ނުވޭ. މީގައި ބޭނުންވަނީ އިހްލާސްތެރިކަމާއެކު އަޅުގަނޑުމެންގެ މި ވާހަކަތައް ގަބޫލުކުރާ އަޅުގަނޑުމެންގެ މި އަޒުމް ގަބޫލުކުރާ ބައެއް. ދިވެހިންނަކީ މިނިވަން ބައެއްގެ ގޮތުގައި ތިބެން ބޭނުންވާ އިހްލާސްތެރިކަމާއެކު ދޭ ވޯޓެއް އެކަނި އަޅުގަނޑުމެން ބޭނުންވަނީ. ކޮންމެ މީހެއް ރުއްސައިގެން ކޮންމެ މީހެއް ބޭނުންވެގެނެއް ގައުމެއް ނުހިންގޭނެ" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ވެރިންނަކީ ވަކި ބަޔަކު ނުވަތަ ބަކި ގައުމެއް ރުއްސަން ތިބި ބައެއް ނޫންކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޒާމަތެއްގައި ގައުމުގައި ތިބި ގާބިލް ބޭފުޅުން މަގާމުތަކަށް އައްޔަންކޮށް އިންސާފުވެރިކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ނުފޫޒުތަކުން އެއްކިބާކޮށް ރައްޔިތުން ބޭނުންވާ ކަހަލަ ނިޒާމެއް ގާއިމްކޮށްދެއްވާނެކަމަށްވެސް އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އަޙްމަދު ފާރިސް މައުމޫން ވިދާޅުވިއެވެ.