ސިޔާސީ

ސޯޝަލްމީޑިއާ ޑޮމިނޭޓްކުރެވޭ ބަޔަކަށް ޕީޕީއެމް މެންބަރުން ވާންޖެހޭ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ދެވަނަ ދައުރުގެ ކެމްޕޭނަށް ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާގެ ތިން ވަނަ ބުރު ރޭ ފަށްޓަވައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ކުރިއަށްދާ މި މަހާސިންތާ ފަށްޓަވައި ދެއްވީ ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކުއެވެ. މަހާސިންތާ ހުޅުއްވާ ދެއްވާ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ބަޔަކު ބިރުދައްކާ ބަޔަކަށް ޕީޕީއެމް ވެގެން ނުވާނެ ކަމަށާއި، ޕީޕީއެމްގެ މެންބަރުންނަކީ ކެރޭ، ރައީސް ޔާމީންގެ ދެކަނބަލުންގެ ދިފާއުގައި ނިކުންނަން ކެރޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ރައީސް ޔާމީންގެ ދެކަނބަލުންނާއި ދިމާކުރަމުން ގެންދަނީ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ނެތުމުން ކަމަށް ނިހާން ވިދާޅުވިއެވެ. ސޯޝަލް މީޑިއާ ޑޮމިނޭޓްކުރެވޭ ބަޔަކަށް ޕީޕީއެމްގެ މެންބަރުން ވާން ޖެހޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ފޮނުވާ ހަމަލާތަކަށް ރައްދުގައި ހަމަލާދޭ ބަޔަކަށް ވާން ޖެހޭ ކަމަށްވެސް ނިހާން ވިދާޅުވިއެވެ. ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން އަންނަ ޚިދުމަތްތަކަށް ތަޢުރީފް ކުރައްވައި ނިހާން ވާހަކަފުޅުދައްކަވާފައިވެއެވެ.

މިފަހަރުގެ މަހާސިންތާ ޚާއްސަ ކުރައްވާފައިވަނީ މާލެއާއި ވިލިމާލޭގެ އިތުރުން ހުޅުމާލޭގެ ސަރަހަށްދަށެވެ. މި މަހާސިންތާގައި 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވައެވެ. މަހާސިންތާގެ ފުރަތަމަ ބުރު މިދިޔަ އަހަރު ބާއްވާފައިވާއިރު މަހާސިންތާގެ ފުރަތަމަ ބުރު ޚާއްސަ ކުރައްވާފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އަދި ދެވަނަ ބުރު ޚާއްސަ ކުރައްވާފައި ވަނީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ.