ޚަބަރު

މަސް އެކްސްޕޯޓްކުރެވޭނެ ނިޒާމެއް މަޑަވެލި-ހޯނޑެއްދޫގައި ޤާއިމްކުރާނަން: ނާޒިމް


  • މަޑަވެލި-ހޯނޑެއްދޫގައި މަސް ފިނިކުރުމާއި، މަސް އެކްސްޕޯޓު ކުރުމުގެ ނިޒާމެއް

  • ކާޑެއްދޫ އެއަރޕޯޓު ސަރުކާރަށް ނަގާނެކަމަށް

  • ތިނަދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅާދޭނެކަމަށް

ގދ. މަޑަވެލި އަދި ހޯނޑެއްދޫގައި ދަޅު މަސް ބަންދުކޮށް، ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓު ކުރެވޭނޭ ނިޒާމެއް ޤާއިމްކޮށްދެއްވާނެކަމަށް، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ގދ. ތިނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ނާޒިމް ވަނީ މަޑަވެލި-ހޯނޑެއްދޫއަކީ މަސްވެރި ރަށެއްގެ ގޮތުގައި ފާހަގަކުރައްވާ އެ ދެ ރަށުގައި މަސްވެރިކަމުގެ ތެރެއިންވެސް ޢާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިވެގެންދާންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެ ދެރަށަކީ ތަރައްޤީގެ އެކި މަޝްރޫޢުތަކުން ބިކަ ވެފައިވާ ރަށެއްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ވުމާއެކު، އެ މަސްވެރިންބާނާ މަސް ފިނިކުރެވި، ދަޅު މަސް ބަންދުކޮށް، ރާއްޖެއިން ބޭރަށް ދަޅު މަސް އެކްސްޕޯޓު ކުރެވޭ ނިޒާމެއް އެ ރަށުގައި ޤާއިމްކޮށްދެއްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެ ތަނުގައި [މަނޑަވެލި-ހޯޑެއްދޫ]ގައި މަސް ފިނިކޮށް ރައްކާ ކުރެވޭ ގޮތް ހަދާނަން. އަދި އެ ތަނުގައި ދަޅު މަސް ބަނދުކޮށް ބޭރަށް ގެންދެވޭގޮތަށް ހަދާނަން." ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރަށް، ނާޒިމް ވަނީ ގދ އަތޮޅުގެ ބައެއް ރަށްތަކަށް ކޮށްދެއްވާނެ ކަންކަމާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ. ނާޒިމް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓު އަނބުރާ ސަރުކާރަށް ހޯދައި، އެ އެއަރޕޯޓު އިންޓަނޭޝަނަލް ކޮށްދެއްވާނެކަމަށެވެ.