ތަޢުލީމު

އަންނަ ޖޫންމަހު ޤައުމީ ޔުނިވަރސީޓީން ފަށާ ކޯސްތައް އިޢުލާންކޮށްފި


އަންނަ ޖޫންމަހު ޤައުމީ ޔުނިވަރސީޓީން ފެއްޓެވުމަށް ހަމަޖެހިފައިވާ ކޯސްތައް އިޢުލާންކުރައްވައިފިއެވެ.

ޖޫންމަހު ފަށްޓަވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވަލް، ސެޓްފިކެޓް 3، އެޑްވާންސް ސެޓްފިކެޓް، ޑިޕްލޮމާ، އެޑްވާންސްޑް ޑިޕްލޮމާ، ބެޗިލަރ ޑިގްރީ، އަދި މާސްޓަރސް ޑިގްރީ ހިމެނޭކަމަށް ޔުނިވަރސީޓީ ރެޖިސްޓްރަރ ސަޢުދުﷲ ޢަލީ ވިދާޅުވިއެވެ. ސަޢުދު ﷲ ވިދާޅުވީ، މިއަހަރުގެ ޖޫން މަހުގައި އެކި ދާއިރާތަކުން ޖުމްލަ 4،155 ކުދިންނަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، މިފަހަރުގެ ކޯސްތަކުގެ ފީތަކަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާކަމަށްވެސް ރަޖިސްޓަރަރ ވިދާޅުވިއެވެ.

ޖޫން މަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފޯމު ޔުނިވަރސިޓީން މިހާރު ވަނީ ދޫކުރައްވަން ފަށްޓަވާފައެވެ. އަދި ފޯމުތައް އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަވަން ފަށްޓަވާނެ ކަމަށާއި ފޯމު ހުށައެޅުމުގެ އެންމެފަހު ތާރީޚަކީ މެއި މަހުގެ 26 ވަނަ ދުވަސްކަމަށް ޤައުމީ ޔުނިވަރސިޓީން ސަޢުދުﷲ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް މިފަހަރު ހުޅުވާލައްވާފައިވާ ދާއިރާތަކަކީ، ފަތުރުވެރިކަން، ޓީޗިންގ، އިންޖިނިއަރިންގ، ހެލްތު، އިސްލާމީ ތަރުބިއްޔަތު، ބިޒްނަސް، ޤާނޫނު، ނެވިގޭޝަންގެ އިތުރުން އާރޓްސް ދާއިރާއިންނެވެ.