ޚަބަރު

އިޤްތިޞާދު ކޮޅަށްޖަހާނީ އިންވެސްޓަރުން ހޯދާ، ޓެކްސް ބޭސް ބޮޑުކޮށްގެން: މުޢިއްޒު


  • މުޢިއްޒު ވިދާޅުވީ އާމްދަނީ އިތުރުކުރާނީ ޓެކްސް ވަންނަ ވިޔަފާރި އިތުރުކޮށްގެންކަމަށް

  • ޑޮލަރުގެ އަގު ހިފަހައްޓާނެކަމަށް ވިދާޅުވި

  • ޓަކެތީގެ އަގު ހަމަމަގަށް އަޅުވާނެކަމަށް ވިދާޅުވި

ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އަޅުވާނީ، އިންވެސްޓަރުންގެ އިތުބާރު އަލުން ހޯއްދާ ރާއްޖެއަށް އިތުރު ބޮޑެތި އިންވެސްޓްމަންޓްތައް އަލުން ގެނެސްގެންކަމަށް ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި އިޤްތިޞާދާއި ގުޅޭގޮތުން ކުރެއްވި ސުވާލުގައި ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު މިހާރު އޮތީ ވަރަށް ބޮއްސުންލާފައިލަމަށެވެ.

އެގޮތުން ދަރަނި މެނޭޖްކޮށް، އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ރިކަރަންޓް ޚަރަދު ބަލަހައްޓަން އެމްއެމްއޭއިން ފައިސާ ނަގާ ސަރުކާރަކަށް ނުވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ފައިސާ ޗާޕުކޮށްގެން ދަރަނި ބެލެހެއްޓުން ނިމުމަކަށް ގެންނަވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ބާޒާރުގައި ތަކެތީގެ އަގު ބޮޑުތަނުން ބޮޑުވެފައިވާކަމަށާއި، ތަކެތީގެ އަގު ހަމައަކަށް އަޅުއްވާނެކަމަށެވެ. އަދި ޑޮލަރުގެ އެކްސްޗޭންޖް ރޭޓްވެސް ވަކި ހަމައެއްގައި ހިފަހައްޓަވާނެކަމަށް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އިތުރު ޓެސްއެއް ތާޢާރަފު ނުކުރައްވާނެކަމަށެވެ. ނަމަވެސް ދަޢުލަތަށް ވަންނަ ފައިސާ އިތުރުކުރާނީ، ރާއްޖޭގައި މިހާރު ފައިދާ ވަންނަ ޓެކްސްތައް ދައްކަންޖެހޭ، ވިޔަފާރިއާއި އިންވެސްޓްމަންޓްތައް އިތުރުކޮށްގެންކަމަށެވެ.

"ރިސޯޓް ދާއިރާ، މަސްވެރިކަން ދާއިރާ ކުރިއަރުވާނަން. އެއަރޕޯޓް ނިންމާނަން. ޓެކްސް ވަންނާނެ ވިޔަފާރިތައް ގިނަކުރާނަން. މިހާރު ނުނިމި ހުރި ރިސޯޓްތައް އަވަހަށް ނިންމާ، ޓެކްސް ބޭސް ބޮޑުކުރާނަން. 2026ގައި ދައްކަންޖެހޭ ދަރަނި 1 ބިލިއަން ދެއްކޭނެ." މުޢިއްޒު ވިދާޅުވިއެވެ.

ޚަރިޖީ ސިޔާސަތާއި ގުޅޭގޮތުން މުޢިއްޒު ވިދާޅުވީ، އޮންނަންޖެހޭ އިމުގެ ތެރެއިން ހުރިހާ ޤައުމުތަކާއިވެސް ގުޅުން ބާއްވާނެކަމަށެވެ. މުޢިއްޒު ވިދާޅުވީ އެއްވެސް ހާލެއްްގައި ދާއިމަށް ބޭރުގެ ސިފައިނަށް ރާއްޖޭގައި ތިބެވިގެން ނުވާނެކަމަށާއި، އެކަން ހުއްޓުވާނެކަމަށެވެ. އަދި އުތުރު ތިލަފަޅު އެގްރިމެންޓް ސަރުކާރުން ހަދާފައިވާގޮތްވެސް ރަނގަޅަށް ބައްލަވާނެކަމަށް ވިދާޅުވިއެވެ. މިކަމުގައި ރާއްޖެއަށް ގެއްލުންވާނަމަ އެއްބަސްވުން އުވާލައްވާނެކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ މެނިފެސްޓޯގަައި ހިމަނާފައިވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުތައްވެސް ޙަޤީޤަތަކަށް ހައްދަވާނެކަމަށެވެ. މިކަންވެސް ކުރާނީ އިންވެސްޓަރުންގެ އިތުރުބާރު ހޯދާ، އައު އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެސްގެންކަމަށެވެ. މި މަގުން، ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްވެސް އަހަރަކުން ނިންމާލެވޭނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.