ޚަބަރު

ދަރަނި ދައްކަން 600 މިލިއަން ޑޮލަރު ގްރާންޓުގެ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް: ޤާސިމް


  • އެކި ދާއިރާތަކުގެ ޓެކްސް ހާމަނައިޒް ކުރާނަން

  • ދަރަނި ދެއްކުމަށް 600 މިލިއަން ޑޮލަރުގެ ގްރޭންޓެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް

  • ވަޒީފާ ބޭނުންވާ ހުރިހާ ޒުވާނުނަށް ވަޒީފާ ހަމަޖައްސަ ދޭނަން

  • 65 އަހަރުން މަތީގެ ފަރާތްތަކަށް 7،000 ރުފިޔާގެ އިނާޔަތެއް ދޭނަން

2026 ވަނަ އަހަރު، ރާއްޖެއިން ދައްކަން ޖެހޭ 1 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކުމަށް، 600 މިލިއަން ޑޮލަރު، ގްރާންޓުގެ ގޮތުގައި ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ސަންގު ޓީވީން ގުޅިގެން ބޭއްވި ސަންގު ބަހުސް 2023 ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބަހުސްގައި ދަރަންޏާއި ގުޅޭގޮތުން ސުވާލުކުރުމުން ޤާސިމް ވިދާޅުވީ މިހާރު އޮތް ޓެކްސްގެ ނިޒާމު ތަފާތު ރޮނގުތަކުން ބަދަލު ކުރެއްވިނަމަވެސް، އިތުރު ޓެކްސެއް ތަޢާރަފް ކުރަން ނުވިސްނަވާ ކަމަށެވެ. އެގޮތުން މިހާރު އެކި ދާއިރާތަކުން ނަގާ ޓެކްސް ހާމަނައިޒް ކުރައްވާނެކަމަށާއި، އަދި އިމްޕޯޓް ޑިއުޓީވެސް ހާމަނައިޒް ކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ހަމައެއާއެކު، ގްރާންޓްގެ ގޮތުގައި 600 މިލިއަން ޑޮލަރު ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި މިގޮތަށް، ކަންކަން ކުރެއްވިއްޖެނަމަ، ދަރަނި ދެއްކޭނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"2026 ގައި އަޅުގަނޑުމެންނަށްވެސް އެބަ އިނގޭ ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރު ދައްކަން ޖެހޭކަން. އޭގެ ތެރެއިން 600 މިލިއަން ޑޮލަރު ގްރާންޓްގެ ގޮތުގައި އަޅުގަނޑު ހޯދާނަން. އަޅުގަނޑަށް އެކަން ޔަޤީން ކުރެވޭ." ޤާސިމް ވިދާޅުވިއެވެ.

ބަހުސްގައި ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޤާސިމް ވިދާޅުވީ، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ކަމަށެވެ. ޤާސިމް ވިދާޅުވީ އެއްވެސް ބަޔަކަށް ބަރޯސާވެފައިވާ، އަދި އެއްވެސް ބައެއްގެ ދިދަ ހިފައިގެން އުޅޭ ޚާރިޖީ ސިޔާސަތަކަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވެގެންނުވާނެކަމަށެވެ.

ޒުވާނުން ތަރުބިއްޔަތުކޮށް، ޤައުމަށް ފައިދާ ހުރި ޒުވާނުން ބިނާ ކުރުމާއި ގުޅޭގޮތުންވެސް ޤާސިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޤާސިމް ވިދާޅުވީ، ވަޒީފާ ބޭނުންވާ ހުރިހާ ޒުވާނުންނަށްވެސް ވަޒީފާ ލިބޭނޭ މަގު ފަހިކޮށްދެއްވާނެކަމަށެވެ. އަދި ދޮށީ ޢުމުރުގެ ފަރާތްތަކަށްވެސް ޤާސިމްގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންތައްތަކާއި ގުޅޭގޮތުން ޤާސިމް ވާހަކަދެއްކެވިއެވެ. އެގޮތުން މިހާރުވެސް، 65 އަހަރުން މަތީ ޢުމުރުފުރާގެ މީހުންނަށް، ސަރުކާރުން 7،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރެއްގައި ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ބޭސްފަރުވާގެ ކަންކަން ހަމަޖައްސަވާދެއްވާނެ ކަމަށެވެ. އަދި ޤާސިމްގެ މެނިފެސްޓޯގައި ޤައުމުގެ އިޖުތިމާޢީ އަދާލަތު ރަނގަޅު ކުރުމަށްޓަކައި އަޅަންވީ ފިޔަވަޅުތަކާއި، ޤައުމުގެ އިޤުތިޞާދީ، އިޖުތިޖާރީ އަދި ސިޔާސީ ކަންކަމާއި، ޤައުމުގެ ޚާރިޖީ ކަންކަން ރަނގަޅު ކުރަންވީ ގޮތުގެ އުޞޫލުތައް ވަރަށް ރަނގަޅަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.