ވިޔަފާރި

އެސްޓްރާ ޒެނެކާގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރަކަށް އެސްޓީއޯ


  • މި އެއްބަސްވުމާއިއެކު 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށް ރަޖިސްޓްރީ ކޮށްފައިވޭ

  • މިއާއެކު ރާއްޖެއަށް ކޮލެޓީ ބޭސް ލިބޭނެ

ފާމަސޫޓިކަލް އުފެއްދުންތައް އުފެއްދުމުގައި ދުނިޔޭގައި ކުރިއަރާފައިވާ އިނގިރޭސިވިލާތުގެ އެސްޓްރާ ޒެނިކާގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރއަކަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސް.ޓީ.އޯ ހަމަޖައްސައިފިއެވެ. މިއީ ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް އެކުންފުނިން ބުނެއެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި އެސް.ޓީ.އޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު އާއި އެސްޓްރާ ޒެނެކާގެ ބިޒްނަސް މެނޭޖަރ އަބިޝެކް ކައުޝިކްގެ އިތުރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގައި މަސައްކަތްކުރައްވާ ފާހަގަކޮށްލެވޭ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެސްޓްރާ ޒެނެކާގެ ރާއްޖޭގެ އެކްސްކުލޫސިވް ޑިސްޓްރިބިއުޓަރއަކަށް އެސް.ޓީ.އޯ ހަމަޖެއްސުމާއިއެކު ބޭސް އުފައްދާ ސީދާ ކުންފުންޏާ ގުޅިގެން ޚަރަދު ކުޑަކޮށް ބޭސް އެތެރެކޮށް، ދާއިމީ ބަލިތަކަށް އާއްމުކޮށް ބޭނުންކުރަންޖެހޭ ބޭސް ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން އިތުރުވެގެންދާނެކަމަށް އެސް.ޓީ.އޯއިން ބުނެއެވެ. އެސް.ޓީ.އޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ފެންވަރު ރަނގަޅު ބޭސް ރާއްޖެ އެތެރެކުރުމަށްކަމަށް ވަނީ ބުނެފައެވެ.


އެސްޓްރާ ޒެނެކާ އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ 14 ބޭހެއް އާސަންދައިގެ ދަށުން ކަވަރު ކުރުމަށްވަނީ ރަޖިސްޓްރީ ކޮށްފައެވެ. މީގެ ތެރޭގައި ކެންސަރު ބައްޔާއި، ގޭސްޓްރިކް، އަދި ހަކުރު ބަލީގެ މީހުންނަށް ޚާއްސަ ބޭސްތައްވެސް ހިމެނެއެވެ.

އެސް.ޓީ.އޯގެ އަމާޒަކީ އިތުރު މެދުވެރިއަކާ ނުލައި ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް އުފައްދާ ސީދާ ކުންފުނިތަކުން ފެންވަރު ރަނގަޅު ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ފުޅާދާއިރާއެއްގައި ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ގޮތަށް ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް އެތެރެ ކުރުން ވެގެންދާނީ ޑޮކްޓަރުން ބޭސް ލިޔެދިނުމުގައި ފެންވަރު ރަނގަޅު ބޭސް އިޚުތިޔާރު ކުރާނެ ދާއިރާ ފުޅާވެ، ބަލި މީހާއަށް އަވަހަށް ނަތީޖާ ފެންނާނެފަދަ ގޮތަކަށް ފަރުވާ ލިބުމަށް މަގުފަހިވެގެންދާނެ ކަމަކަށްކަމަށް އެސް.ޓީ.އޯއިން ޤަބޫލުކުރެއެވެ.

އެސް.ޓީ.އޯއިން އަންނަނީ މިހާރުވެސް ރާއްޖެއަށް ބޭނުންވާ ބޭސް އަދި ޞިއްޙީ ދާއިރާގެ އުފެއްދުންތައް އެތެރެކުރުމަށް 26 ކުންފުންޏާއެކު އެއްބަސްވުން ހަދައި ސީދާ ކުންފުނިތަކުން ރާއްޖެއަށް ބޭސް އެތެރެކުރަމުންނެވެ.