ޚަބަރު

ވެލިދޫގެ މުއައްސަސާތަކުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްލަވާލައްވައިފި


  • ސަރުކާރުގެ ތިން މުއައްސަސާއަކަށް ނާއިބު ރައީސް ޒިޔާރަތް ކުރެއްވި

  • ސްކޫލްގެ ހާލަތު ރަނގަޅު ކުރެއްވުމަށް ކުރެވެންހުރި މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވި

ނ.ވެލިދޫގައި ހުރި މުއައްސަސާތަކުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް ވެލިދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކުގެ މަސައްކަތާ އެތަންތަނުގެ ހާލަތު ބައްލަވާލެއްވީ އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ވެލިރަން އެވޯޑް"ގެ ހަފްލާ ޝަރަވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ނައިބު ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވީ ވެލިދޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށެވެ. ނ.އަތޮޅު ތައުލީމީ މަރުކަޒަށް ވަޑައިގެން އެމަރުކަޒުގެ ހާލަތާ ގުޅޭ ގޮތުން ސްކޫލްގެ އިސްވެރިނާއި ޓީޗަރުންނާއި ދަރިވަރުންނާ ބައްދަލުކުރައްވައި ހާލަތު އޮޅުންފިލުއްވިއެވެ. އަދި މިހާރުން މިހާރަށް ހައްލު ކުރަންޖެހޭ ކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ނާއިބު ރައީސް ދެއްވާފައިވާކަމަށް ވެލިދޫ ސްކޫލުން ވިދާޅުވެއެވެ.

ނައިބު ރައީސްވަނީ ވެލިދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މަައްސަލަ ހައްލު ކުރުމަށް އެސްކޫލުގައި އިމާރާތް ކުރާ ހަތަރު ކްލާސް ރޫމްގެ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ. އަދި ވެލިދޫ ސްކޫލުގައި ޚާއްސަ އެޙީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާހަށް ޒިޔާރަތްކުރައްވައި އެކްލާސްރޫމުގެ ކިޔެވުން ކުރިއަށްގެންދާ ގޮތާ ދިމާވާ ދަތިތައް ނައިބު ރައީސްވަނީ އޮޅުންފިލުއްވާފައެވެ.

ނައިބު ރައީސްވަނީ އެރަށު ސިއްޙީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ. އެގޮތުން މިޒިޔާރަތުގައި އެހޮސްޕިޓަލުން ޚިދުމަތް ފުޅާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ޖުމްލަކޮށް އަތޮޅުތަކުގައި ހުރި ސިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތައް މިހާރަށް ވުރެ ފުޅާކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަރުކަޒުގެ ވެރިންނާ ނައިބު ރައީސްވަނީ ޙިއްސާކުރައްވާފައެވެ. ވެލިދޫ ސިއްޙީ މަރުކަޒުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ހަނދާނީ ހަދިޔާއެއްވެސް އަރުއްވާފައެވެ.

ނާއިބު ރައީސް ފައިސަލް ނަސީމް އެންމެފަހުން ވަޑައިގެންނެވީ ވެލިދޫ ކައުންސިލް އިދާރާއަށެވެ. މިޒިޔާރަތުގައިވެސް ކައުންސިލުގެ ހާލަތު ބައްލަވާ އިދާރީ ގޮތުން ދިމާވާ ދަތިތައް އޮޅުންފިލުއްވިއެވެ. ވެލިދޫ ކައުންސިލުންވެސް ވަނީ ނާއިބު ރައީސްއަށް ހަނަދާނީ ހަދިޔާއެއް އަރުއްވާފައެވެ.

ވެލިދޫގައި ހުރި މުއައްސަސާތަކަށް ކުރެއްވި ޒިޔާރަތުގައި ނާއިބު ރައީސްވަނީ އެމަނިކުފާނުގެ ބަޔޮގްރަފީ ފޮތް މިމުއައްސަސާތަކަށް މުއައްސަސާއަށް ހަދިޔާކުރައްވާފައެވެ. ނައިބު ރައީސްގެ އަރިހުގައި މިޒިޔާރަތުގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މުޙައްމަދު އަބްދުﷲ ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.