ޚަބަރު

ދަރަނި ދެއްކުމަށް ފުރިހަމަ ޕްލޭނެއް އެބައޮތް: ރައީސް


  • 2026 ވަނަ އަހަރު 800 މިލިޔަން ޑޮލަރުގެ ދަރަނި އަދާކުރަންޖެހޭކަމަށް

  • ދަރަނި އަދާކުރާނީ ރީފައިނޭންސް ކޮށްގެންކަމަށް ވިދާޅުވި

  • ދަޢުލަތަށް ލިބޭ ޢާމްދަނީ އިތުރުވަމުން އަންނަކަމަށް ވިދާޅުވި

ދަރަނީގެ ގޮތުގައި 2026ގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި، އެ ފައިސާ ދެއްކޭނެ ގޮތުގެ ފުރިހަމަ ޕްލޭނެއް އެބައޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ޕީއެސްއެމްއާއި ސަންގު ޓީވީ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައިއެވެ.

މި ބަހުސްގައި، ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ނުވަތަ ދަރަނި އަދާކުރުމާ ގުޅޭގޮތުން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ޞާލިހް ވިދާޅުވީ ދިވެހިރާއްޖެއިން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ދެއްކުމަށް ގެންގުޅޭނެ ސިޔާސަތަކީ ރީފައިނޭންސް ކުރުންކަމަށެވެ.
އެގޮތުން 2026ގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތަކީ އޭގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސޮވަރިން ފަންޑުގައި މިހާރުވެސް 6 ބިލިޔަން ރުފިޔާ އެބަހުރިކަމަށާއި، އަމާޒަކީ 2026 އަންނައިރު 350އާއި 400 މިލިޔަން ޑޮލަރަށް ބޮޑުކުރުންކަމަށެވެ. އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިނަމަވެސްއިތުރު ޓެކުހެއް ނެގުމާމެދު ނުވިސްނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"2026 ގައި ދައްކަން ޖެހޭ ދަރަނީގެ ތެރޭގައި އޭޑީއެފްޑީގެ 100 މިލިޔަން ޑޮލަރަު އެބައޮތް. އެ މިހާރު ފަސް ކުރަން އެދި އެކަމަށް ޖާގަ ލިބިފައި ވަނީ. ދެން މިއޮތީ ކޯވިޑްގެ ތެރޭގައި ނެގި 500 މިލިޔަން ޑޮލަރުގެ ސްކޫކް. އޭގެ ތެރެއިން 250 މިލިޔަން މި ދެއްކީ ކުރީ ސަރުކާރުން ނަގާފައި އޮތް ސަނީސައިޑް ފަންޑަށް. ދެން ހުރި ފައިސާ ދަޢުލަތުގެ އެހެން ކަންތައްތަކަށް ޚަރަދު ކުރީ." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ދަޢުލަތަށް ލިބޭ ޢާމްދަނީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށާއި މި ސަރުކަރު ވެރިކަމާ ހަވާލުވިއރު ދަޢުލަތަށް ލިބެނީ 22 މިލިޔަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެއަދަދު މިހާރު އިތުރުވެ މިއަހަރުވެސް ދައުލަތަށް ޢާމްދަނީގެ ގޮތުގައި 34 މިލިޔަން ރުފިޔާ ލިބުނުކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރު އަންނައިރު ދަޢުލަތަށް ލިބޭ ޢާމްދަނީ 46 މިލިޔަން ރުފިޔާއަށް އަރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް އަލިއަޅުވައްލައްވަމުން ރައީސް ވިދާޅުވީ މި ވެރިކަން ފެށުނު އިރު ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި ކަމަށެވެ. ނަމަވެސް އެދާއިރާ ހަރުދަނާކޮށް ސިއްޙީ މަރުކަޒާއި ހޮސްޕިޓަލްތަކަށް އިތުރު ވަސީލަތްތައް ޤާއިމްކޮށްދެއްވާފައިވާކަަމށް ވިދާޅުވެ ރައީސް ވަނީ އޭގެ ތަފްސީލް ހިއްސާކުރައްވާފައެވެ. އަދި އާސަންދަ ނިޒާމް އިތުރަށް ހަރުދަނާކޮށް ކޮލިޓީ ބޭސް ރާއްޖެއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ޔޫރަޕުން ބޭސް ގެނެވޭ ގޮތަށް އެއްބަސްވުން ހެދުމުގެ މަސއްކަތައް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން 71 ބޭހެއްގެ އަގު ހާމަނައިޒްކޮށް، 20 މިލިއަން ރުފިޔާ ސަލާމަތް ކުރެއްވިއްޖެކަމަށްވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.