ޚަބަރު

ކުޅުދުއްފުށީގައި ބްލަޑް ބޭންކެއް ޤާއިމްކޮށްފި


  • ކުޅުދުއްފުށީ ހޮސްޕިޓަލްގައި ޤާއިމުކުރި ބްލަޑް ބޭންކްގައި 200 ޕެކް ރައްކާކުރެވޭނެ

  • މި ޚިދުމަތެ ސަބަބުން އެމަޖެންސީ ހާލަތްތަކުގައި ލޭ ލިބުމަށް ފަސޭހަވާނެ

  • ކުޅުދުއްފުށީ ކޮސްޕިޓަލަކީ ސަރަޙައްދުގެ 3 އަތޮޅުގެ ރައްޔިތުން ބަރޯސާވާ މައި ހޮސްޕިޓަލް

ފަސޭހައިން ލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ބްލަޑް ބޭންކެއް ޤާއިމުކޮށްފިއެވެ.

ބްލަޑް ބޭންކު ޤާއިމްކުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ބޮޑުތިލަދުންމަތީގައި މީހުން ދިރިއުޅޭ 41 ރަށުގެ ރައްޔިތުން ޚިދުމަތް ހޯދާ މައި ހޮސްޕިޓަލެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޤާއިމްކުރި ބްލަޑް ބޭންކަކީ ލޭ ރައްކާކޮށްފައި ހުންނަ 200 ޕެކް، ބެހެއްޓޭނެ ޤާބިލްކަން ހުރި ބްލަޑް ބޭންކެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަކީ މިހާރު ކުދިކުދި ގިނަ އޮޕަރޭޝަންތަކާއި މާބަނޑު ،މީހުންގެ ސިޒޭރިއަން ހަދަންޖެހޭ ހޮސްޕިޓަލަކަށްވުމުން، ބްލަޑް ބޭންކަކީ ކޮންމެވެސް މުހިއްމު ހިދުމަތެއްކަމަށެވެ. ޚާއްސަކޮށް އެމަޖެންސީ ހާލަތްތަކުގައި ބޭނުންވާ ލޭ ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ބްލަށް ބޭންކާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނޭކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ބްލަޑް ބޭންކު ޤާއިމްވުމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ ދަރުމަވެރިންނަށްވެސް މިހާރު ލޭ ހަދިޔާކުރެވޭނެކަމަށެވެ. އަދި ހޯދަން އުނދަގޫ ލޭގެ ގްރޫޕްތަކުގެ ލޭ ދުރާލާ ރައްކާކޮށްފައި ބަހައްޓަންވެސް ބްލަޑް ބެންކުގެ ސަބަބުން ފަސޭހަވެގެންދާނޭކަމަށްވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހޮސްޕިޓަލުން ވިދާޅުވީ ލޭ ރައްކާތެރިގޮތުގައި ބެހެއްޓެނީ ވަކި މުއްދަތެއް ވަންދެންކަމަށެވެ. އެެހެންކަމުން ލޭ ބޭކާރުވިޔަ ނުދިނުމަށް، އެންމެ މަދުން ހޯދަންޖެހޭ ބައެއް ލޭ ގްރޫޕްތަކުގެ ސްޓޮކް ދަށްކުރުމާއިއެކު ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ބުނީ، ބްލަޑް ބޭންކާއެކު ލޭ އަޅާ ކުދިންނަށް ދޭ ޚިދުމަތްވެސް އަވަސްވެއްޖެކަމަށެވެ. އެގޮތުން ކުރިން ޑޯނަރުގެ ގައިން ލޭ ނެގުމަށްފަހު ބަލި މީހާގެ ގަޔަށް ލޭ އަޅަން 12 ގަޑިއިރު ހޭދަވިނަމަވެސް، މިހާރު އެ ވަގުތު 4 ގަޑިއިރަށް ކުޑަވެފައިވާކަންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްއިން ފާހަގަކުރެއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބްލަޑް ބޭންކެއް ޤާއިމްކުރުމުގެ މަސައްކަތަކީ އެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މީގެއިތުރުންވެސް ސަރުކާރުން އަންނަނީ އާއްމުންނަށް ދޭ ޚިދުމަތްތައް އިތުރުކުރުމަށް ގިނަ މަސައްކަތްކެއް ކުރަމުންނެވެ.