ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ ފެތުންތެރިންނަށް ގިނަ ރިކޯޑުތަކެއް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ފެތުންތެރިން ގިނަ ރިކޯޑުތަކެއް ހަދައިފިއެވެ.

އެގޮތުން ލޯންގްކޯސް ފިރިހެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރިކޯޑު އައުކުރިއިރު، އެ ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ. މިފެތުންތެރިން ރޭސް ނިންމާފައިވަނީ 08.48.87 އިންނެވެ.

އަދި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރިކޯޑު އައިޝަތު ސައުސަން ވަނީ އައުކޮށަފިއެވެ. ސައުސަން މި ރިކޯޑު އައުކޮށްފައިވަނީ 00.34.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ލޯންގްކޯސް ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގެ ޤައުމީ ރިކޯޑު ދިވެހި ފެތުންތެރިން އައުކުރިއިރު، އެ ޓީމުގައި ހިމެނެނީ މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ. މިފެތުންތެރިން ރޭސް ނިންމާފައިވަނީ 04.29.42 އިންނެވެ.

އަދި އަންހެނުންގެ ލޯންގްކޯސް 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓު 05.15.09 އިން ފުރިހަމަކޮށް، ޤައުމީ ރިކޯޑު އައުކުރިއިރު، އެ ޓީމުގައި ހިމެނެނީ އާއިޝަތު ސައުސަން، ޒައިނަބް އަބްދުﷲ ޝަފީޤް، ޙަނާން ޙުސައިން ޙަލީމް އަދި މިރާލް އައިން ލަތީފް އެވެ.

މީގެ އިތުރުން ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން ވަނީ އައުކޮށްފައެވެ. އާން މި ރިކޯޑު އައުކޮށްފައިވަނީ 00.27.23 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އަދި އަންހެނުންގެ ލޯންގްކޯސް 50 މީޓަރު ބަޓަރފްލައި އިވެންޓްގެ ޤައުމީ ރިކޯޑު އައުކުރީ ޙަނާން ޙުސައިން ޙަލީމް އެވެ. ޙަނާން މި ރިކޯޑު އައުކޮށްފައިވަނީ 00.32.15 އިން ރޭސް ފުރިހަމަކޮށްގެންނެވެ. އަދި ޙަނާން ވަނީ އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަރފްލައި އިވެންޓްގެ ޤައުމީ ރިކޯޑު އައުކޮށަފިއެވެ. ޙަނާން މި ރިކޯޑު އައުކޮށްފައިވަނީ 01.16.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މީގެ އިތުރުން ފިރިހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރިކޯޑު ދިވެހި ފެތުންތެރިން ވަނީ އައުކޮށްފައެވެ. 03.58.33 އިން ރޭސް ފުރިހަމަކޮށް، ޤައުމީ ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ، މުޙައްމަދު އާން ޙުސައިން، ޢަލީ އިމްޢާން، މުޙައްމަދު ރިޙާން ޝިހާމް އަދި މުބާލް ޢައްޒާމް އިބްރާޙީމެވެ.

ދެން މި ފަހަރުގެ ގޭމްސްގައި ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓްގެ ޤައުމީ ރިކޯޑު މުބާލް ޢައްޒާމް އިބްރާޙީމް ވަނީ އައުކޮށްފައެވެ. މި މުބާރާތުގައި މުބާލް މި އިވެންޓު ފުރިހަމަކޮށްފައިވަނީ 00.34.00 އިންނެވެ.