ޚަބަރު

ރިޔާސީ އިންތިޚާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރުމަށް ނިންމައިފި


  • މިއިންތިޚާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާނެ

  • ބޮޑީވޯން ކެމެރާއާއިއެކު ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެ

  • މިނިވަން އިންސާފުވެރި އިންތިޚާބަށް ހުރަސްއެޅޭފަދަ އެއްވެސް މައްސަލައެއް ހުށަހެޅިފައިނުވޭ

މިމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ

ރިޔާސީ އިންތިޚާބު 2023 އާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތިޚާބުގެ ކަންކަން ބަލަހައްޓަވާ ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އަހުމަދު މުސްލިމް ވިދާޅުވީ އިންތިޚާބުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނާއި ހަވާލު ކުރައްވާފައިވާ މަސްއޫލިއްޔަތުތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމަށް އިންތިޚާބުގެ އެންމެހާ ކަންކަން ރޭވި ޕްލޭން ކުރެވިފައިވާކަމަށެވެ.

މިހާރު ފުލުހުން ކުރަމުންދަނީ ވޯޓު ކަރުދާސްތަކާއި، ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އިލެކްޝަންސްގެ ބެއްލެވުމުގެ ދަށުން ރަށްރަށަށް ގެންދިއުމުގެ މަސައްކަތެވެ. ވޯޓު ކަރުދާސް ގެންދިއުމަށްފަހު އޭގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަމުން ގެންދަނީވެސް ފުލުހުންނެވެ. މީގެ އިތުރުން އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށްވެސް ޚާއްސަ އިންތިޒާމުތަކެއްގެ ދަށުން މަސައްކަތް ދަނީ ކުރަމުންނެވެ.

މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހަމަކޮށް އިންތިޚާބަށް ތައްޔާރުވެފައިވާއިރު، މި އިންތިޚާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މުސްލިމް ވިދާޅުވީ، ބޮޑީ ވޯން ކެމެރާ އާއިއެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެކަމަށެވެ. އަދި ކެމެރާ ބޭނުން ކުރާނީ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް މުސްލިމު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާއިރު، މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހުރަސްއެޅޭފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ފުލުހުންނަށް ހުށަހެޅިފައި ނުވާކަމަށް މުސްލިމު ވިދާޅުވިއެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި މުވައްސަސާތަކުން ގުޅިގެން ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.