ޚަބަރު

ރާއްޖެއާއި ސާއޯ ތޯމޭ އެންޑް ޕްރިންސިޕޭ ސަރުކާރާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފި


  • ދެ ޤައުމުގެ ރައްޔިތުންނަށް ވިސާނެގުމެއްނެތި 90 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެ

  • މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއް

ދިވެހި ސަރުކާރާއި ސާއޯ ތޯމޭ އެންޑް ޕްރިންސިޕޭ ސަރުކާރާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިންނަށް ވިސާއާ ނުލައި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭއަށް ދަތުރުކޮށް، އެ ޤައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ތިބެވޭނެއެވެ. އަދި ހަމަ އެފަދައިން ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ރައްޔިތުނަށްވެސް ވިސާނެގުމެއްނެތި 90 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

ބެއިޖިންގގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޢާއިޝަތު ޢަޒީމާއެވެ. އަދި ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއަށް އެ ޤައުމުން ކަނޑައަޅާފައި ހުންނަވާ ސަފީރު އިޒަބެލް މައިސާ ދަ ގްރާސާ ދޮމިންގޮސްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަފީރު އައިޝަތު އަޒީމާ ވަނީ، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ސާއޯ ޓުމޭ އެންޑް ޕްރިންސިޕޭ ސަރުކާރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމާއެކު ދެ ޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ފަސޭހަކަމާކާއެކު ދަތުރުކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭކަމަށް އުއްމީދުކުރަައްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

އެމްބެސަޑަރ ދޮމިންގޮސްވެސްވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރަދުދަނާކޮށް ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކުރުމުގެ މަގު މި އެއްބަސްވުމުގެ ސަބަބުން ފަހިގެންދާނެކަމަށް ވިދާޅުވެފައެވެ.