ޚަބަރު

ލޯނު މަޢާފު ކޮށްދޭނެކަމަށް ވިދާޅުވުމުން، ފާޑު ވިދާޅުވި ފަރާތްތަކަށް ޤާސިމްގެ ރައްދެއް


  • ލޯނުތައް މަޢާފު ނުކޮށްދެވެނީ ސިޔާސީ ބޭނުމަށް، އުސޫލެއް ނެތި ލޯނު ދޫކުރާތީ

  • ހުރީ ސޯޝަލް ހައުސިންގ ކުއްޔާއި، ހިޔާ ކުލި، އަދި އެސްއެމްއީ ލޯނުތައް މަޢާފުކޮށްދޭނަން

  • ޤާސިމް ވަނީ ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުންގެ ސްޓަޑީ ލޯނުތައްވެސް މަޢާފު ކޮށްދީފަ

އެސްއެމްއީ ލޯނާއި ހުރިހާ ސޯޝަލް ހައުސިންގ ތަކުގެ ކުލި މަޢާފު ކޮށްދޭނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވުމުން، އެ މަނިކުފާނަށް ފާޑު ވިދާޅުވި ފަރާތްތަކަށް ޤާސިމް ރައްދުދެއްވާފިއެވެ. މިކަމަށް ޤާސިމް ރައްދު ދެއްވާފައި މިވަނީ، އެ ލޯނުތައް ޤާސިމަށް މާފު ނުކޮށްދެވޭނެކަމަށާއި، އެ ވަޢުދަކީ ނުފުއްދޭނެ ވަޢުދު ތަކެއްކަމަށް ބުނެ، ގިނަ ބަޔަކު ޤާސިމްއަށް ފާޑުވިދާޅުވުމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ލޯނުތައް މަޢާފު ނުކުރެވެނީ ވަކި އުސޫލެއްނެތި، ސިޔާސީ ބޭނުންތަކަށް، ހިތު ހުރި ގޮތަކަށް ލޯނުތައް ދޫ ކުރުންކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން، ސިޔާސީ ޕާޓީތަކަށް މީހުން އިތުރު ކުރުމަށް، އެއްވެސް އުސޫލެއްނެތި އެކި ފަރާތްތަކަށް ލޯނު ދޫކޮށްފައިވާކަމަށް ޤާސިމް ވަނީ ތުހުމަތުކުރައްވާފައެވެ.

ކުރީ ސަރުކާރުތަކުން ލޯނު ދޭއިރު، ދެފުށް ފެންނަ އުސޫލެއް ނުގެންގުޅޭ ކަމަށާއި، ބައެއް މަޝްރޫޢުތައް ހިންގާއިރު، ޚަރަދު ކުރަން ވާ މިންވަރަށްވުރެ، އިތުރަށް ޚަރަދު ކުރާކަމަށްވެސް، ޤާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

"އެ (ލޯނުތައް) ޕޮލިޓިކަލް ޓޫލަކަށް ހަދާގެން، އެއްވެސް އުސޫލެއްނެތި، އެއްވެސް ހާމަކަމެއް ނެތި، އޭގެ ޓްރާންސްޕޭރެންޓް ކަމެއް ނެތި މިގޮތަށް، ދޫ ކުރީމާ، މީގެ ނަތީޖާއަކަށް ވެގެން މިދަނީ ވެރިކަމުގައި ތިބޭ ފަރާތްތައް، އެ ފަރާތްތައް ނިސްބަތްވާ ޕާޓީއަށް މީހުން ގިނަ ކުރުން." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ހުރިހާ އެސްއެމްއީ ލޯނުތަކާއި، ސޯޝަލް ހައުސިންގ އަދި ހިޔާ ފްލެޓުތަކުގެ ކުލިތައް މަޢާފު ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ވިލާ ކޮލެޖުން ކިޔަވަމުންދާ ދަރިވަރުން ނަގާފައިވާ، ސްޓަޑީ ލޯނުތައްވެސް ޤާސިމް ވަނީ މަޢާފު ކޮށްދެއްވާފައެވެ.

މީގެ އިތުރަށް، ޤާސިމް އަންނަނީ ކޮންމެ ރަށަކަށްވެސް އާއްމު ވަޢުދުތަކެއް ވަމުންނެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް، އެ ރަށެއްގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ 5 ކަމެއް ކޮށްދިނުމާއި، ކޮންމެ ރަށެއްގެވެސް ބަނދަރުމަތީ މިސްކިތެއް ބިނާ ކޮށްދިނުން ހިމެނެއެވެ.