ކުޅިވަރު

އައިއޯއައިޖީ 2023: ރިޒާ އާއި ފަޒީލް 800 މީޓަރުގެ ފައިނަލަށް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސް 800 މީޓަރު ދުވުމުގެ ފިރިހެން ފައިނަލަށް ރާއްޖޭގެ ހުސައިން ރިޒާ އާއި ހުސައިން ފަޒީލް ހާރޫން ދަތުރުކޮށްފިއެވެ.

މިފަހަރުގެ އައިއޯއައިޖީގެ އެތުލެޓިކްސް އިވެންޓްތައް މަޑަގަސްކަރައިގައި އަލަރޯބިއާ ސްޓޭޑިއަމްގައި ކުރިއަށްދާ އިރު، މިއަދު ހެނދުނު ދިވެހި އެތުލީޓުން އޮތީ 800 މީޓަރު ހީޓުތަކެވެ. ހީޓްއެކެއްގައި ރިޒާ ވާދަކޮށް ރަނގަޅު ޓައިމިންއެއްގައި ރޭސް ނިންމީ އެއް މިނެޓް 55.14 ސިކުންތުންނެވެ. ރިޒާ ވަނީ ފުރަތަމަ ބުރުގައި ބާރު ދުވެއްޔެއްގައި ކުރިއަށް ޖެހި ހަތަރުވަނައިގައި ހީޓް ނިންމާލައިފައެވެ.

ފަޒީލް މިއަދުގެ ދެވަނަ ހީޓްގައި ދުވެ، އޭނާ ވަނީ ހީޓްގެ ތިންވަނައިގައި ނިންމައިފައެވެ. ފަޒީލް ފުރަތަމަ ބުރަށްވުރެ ބާރަށް ދެވަނަ ބުރުގެ ރޭސް ނިންމީ، އެއް މިނެޓް 59.12 ސިކުންތުންނެވެ.

އެތުލެޓިކްސްގެ އިތުރު އިވެންޓްތަކެއް މިއަދު ހަވީރު ކުރިއަށްދާނެއެވެ. އަންހެން 200 މީޓަރު ފައިނަލްގެ އިތުރުން މިއަދު ފިރިހެން 200 މީޓަރު ހީޓްތައްވެސް އޮންނާނެއެވެ.