ޚަބަރު

އެމްޕީއެލް ފްލެޓްތަކުގެ ކުލި މުވައްޒިފުންނަށް އަތްފޯރާ އަގަކަށް


  • އެމްޕީއެލްއިން ވަނީ 25 އަހަރަށް މަހު ކުލި ދެއްކޭ ގޮތަށް ބަދަލު ގެންނަވާފަ

  • މިއާއިއެކު މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 4،000 ފުރިޔާ ވަރު ކުޑަވެފަ

  • އެމްޕއެލްގެ 3 ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ ހައުސިންގ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ޢިމާރާތްކޮށްފައިވާ "ޕޯޓް ރެސިޑަންސް"ގެ އެޕާޓްމަންޓްތަކަށް މަހުން މަހަށް މުވައްޒަފުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މުވައްޒަފުންނަށް އިތުރު ލުއިތަކެއް ދިނުމަށް އެމް.ޕީ.އެލްއިން ނިންމައިފިއެވެ.

މަހު ކުލި ދެއްކުމަށް މިހާރު ހަމަޖެހިފައިވާ އުޞޫލަށް އެމް.ޕީ.އެލްގެ ބޯޑުން ގެނައި ބަދަލާއެކު ޑައުންޕޭމަންޓަށްފަހު ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މުވައްޒަފުންނަށް ވަނީ ހުޅުވާލައިފައެވެ. މީގެ ކުރިން މަހުން މަހަށް ފައިސާ ދައްކަންޖެހޭނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެނެވެ.

އެމް.ޕީ.އެލްއިން ބުނީ މަހު ކުލި 25 އަހަރަށް ބަހާލުމުން، ޑައުޕޭމަންޓް ފައިސާ ދެއްކުމުގެ "އޮޕްޝަން 1"ގެ ދަށުން ފައިސާ ދައްކާފައިވާ މުވައްޒަފުންނަށް އެއް ރޫމްގެ ސްޓޫޑިއޯ އެޕާޓްމަންޓް (ޓައިޕް އޭ)ގެ މަހު ކުއްޔަށް ފުރަތަމަ ފަސް އަހަރު ދައްކަންޖެހޭނީ 3،741.38 ރުފިޔާއެވެ. އަދި އެއް ރޫމްގެ ސްޓޫޑިއޯ (ޓައިޕް ބީގެ) އެޕާޓްމަންޓަކަށް ފުރަތަމަ ފަސް އަހަރުގެ މަހު ކުއްޔަށް ދައްކަންޖެހޭނީ 3،872.94 ރުފިޔާއެވެ.

ބާކީ އޮތް 20 އަހަރުގައި މަހު ކުއްޔަށް ޓައިޕް އޭ އެޕާޓްމަންޓްތަކަށް ދައްކަންޖެހޭނީ 4،061.54 ރުރިފާއެވެ. އަދި (ޓައިޕް ބީ އެޕާޓްމަންޓްތަކަށް ދައްކަންޖެހޭނީ 4،204.37 ރުފިޔާއެވެ. ކުރިން އޮތް ގޮތަށް 20 އަހަރަށް ބަހާލައިގެން މަހު ކުލި ދައްކާނަމަ، ޓައިޕް އޭ އިން ދައްކަންޖެހޭނީ 4،585.16 ރުފިޔާއެވެ. އަދި ޓައިޕް ބީ އިން 4،746.0 ރުފިޔާ ދައްކަންޖެހެއެވެ.

މި އޮޕްޝަންގައި 1+2 އެޕާޓްމަންޓަކަށް މަހު ކުލީގެ ގޮތުގައި ފުރަތަމަ 5 އަހަރުގެ ތެރޭގައި ދައްކަންޖެހޭނީ ޓައިޕް އޭ އެޕާޓްމަންޓްތަކަށް 7،015.08 ރުފިޔާ އަދި ޓައިޕް ބީ އެޕާޓްމަންޓްތަކަށް 7،182.60 ރުފިޔާއެވެ. އަދި ބާކީ އޮތް 20 އަހަރު (ޓައިޕް އޭގެ އެޕާޓްމަންޓްތަކަށް 8،073.56 ރުފިޔާ އަދި ޓައިޕް ބީގެ އެޕާޓްމަންޓްތަކަށް 8،260.45 ރުފިޔާއެވެ.

މި އޮޕްޝަނަށް ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންގެ އިތުރުން، އޮޕްޝަން 2،3 އަދި 4 ގެ ދަށުން ޑައުންޕޭމަންޓް ފައިސާ ދައްކާފައިވާ މުވައްޒަފުންނަށްވެސް މި އުޞޫލުގެ ދަށުން ފައިސާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް، މަހު ކުލި ކުޑަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އެމް.ޕީ.އެލްއިން ބުނެއެވެ.

މި އޮޕްޝަންތަކުގެ ދަށުން ޑައުންޕޭމަންޓް ދެއްކުމަށް ހިޔާރުކޮށްފައިވާ މުވައްޒަފުންނަށް ވެސް "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ މުއްދަތެއް ދިނުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން "އޮޕްޝަން 1" އަށް ބަދަލުވުމަށް ދެ އަހަރުގެ ތެރޭގައި ފައިސާ ދައްކާ މުވައްޒަފުންނަށް، ފައިސާ ހަމަކުރާ ދުވަހުން ފެށިގެން "އޮޕްޝަން 1"ގެ ލުއިތައް ލިބިގެންދާނެއެވެ.

އެމް.ޕީ.އެލްގެ 3 ޓަވަރުގައި މިހާރު ކުރިއަށް ދަނީ ލިފްޓާއި ކަރަންޓު އަދި ފެނުގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމި، މި ފެށޭ ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން ފްލެޓުތަކުގައި މުވައްޒަފުންނަށް ދިރިއުޅެން ފެށޭނެކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.