ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ އައު އޯޕީޑީ ހުޅުވައިދެއްވައި ޕާސްޕޯޓްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި


  • އިމިގްރޭޝަން ހުވަދޫ ގޮފުން މިވަނީ ދިވެހި ޕާސްޕޯޓް ދޫކުރަން ފަށާފައި

  • މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ

  • މިއީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއެކު މިހާރު ހޯދޭނެ ޚިދުމަތެއް

ގދ.ތިނަދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާ، ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އޯޕީޑީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ. މި ދެ ޚިދުމަތް ފަށްޓަވައިދެއްވީ ތިނަދުއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިމިގްރޭޝަންގެ ތިނަދޫ ގޮފިން އެންމެ ފުރަތަމަ ޕާސްޕޯޓް ހެއްދި ފަަރާތާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އެންމެ ފުރަތަމަ ޕާސްޕޯޓް ހެއްދީ ގދ.ތިނަދޫ، އޭޖް، އާތިފާ ޤާސިމްއެވެ.

ހަނދާނީ ފިލާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން އަދި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިމިގްރޭޝަންއިން ވިދާޅުވީ މި ޚިދުމަތް ދޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ، މާލެއަށް ދާން ނުޖެހި އަމިއްލަ ރަށުގައި ނުވަތަ ރަށާއި ކައިރި ހިސާބަކުން ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަމަށެވެ. އަދި މިއީ މި ޚިދުމަތް ހޯދުމަށް ކުރިން ކުރަންޖެހުނު ދަތުރުތަކާއި، އަދި އަތުން ކުރަންޖެހުނު ޚަރަދުތަކަށްވެސް ނިމުމެއް އަންނާނެ މުހިންމު ޚިދުމަތެއްކަމަށެވެ.

އިމިގްރޭޝަނުން ދާދިފަހުންވަނީ އޮންލައިންކޮށް، ފަސޭހަކަމާއެކު ޕާސްޕޯޓަށް ހުށައެޅޭނެ ޚިދުމަތެއް ތަޢާރަފްކޮށްފައެވެ. އަދި ޕާސްޕޯޓް ދޫކުރާ ވަގުތުވެސް އިތުރުކޮށްފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަލަށް ތަރައްޤީކުރި އޯޕީޑީވެސް ހުޅުއްވައިދެއްވާފައެވެ. މިއީ އަތޮޅުގެ 22000އެއްހާ ރައްޔިތުން ބަރޯސާވާ ސަރަޙައްދުގެ މައި ހޮސްޕޮޓަލެވެ.

އެމްޓީސީސީއާ ހަވާލުކޮށް ކުރިއަށްގެންދިޔަ ތިނަދޫ ޑރ.ޢަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތުގެ ދަށުންވަނީ އޯޕީޑީގައި ޑޮކްޓަރަށް ދެއްކުމަށް 14 ރޫމް ތަރައްޤީކޮށްފައެވެ. އަދި 2 ލޭބަރ ރޫމްއާއި، ޕްރައިވެޓް 4 ރޫމްވަނީ ތަރައްޤީކޮށްފައެވެ.

މިމަސައްކަތަކީ ދަޢުލަތުގެ ބަޖެޓުން 33 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ޢިމާރާތެކެވެ.