ކުޅިވަރު

ފަހަތުންއަރާ ޔުވެންޓަސް ބަލިކޮށް ބަޔާން ގަދަ އަށަކަށް


ޔުވެންޓަސްއިން ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު ޖަހައިގެން ޗެމްޕިއަންސް ލީގްގެ ކުއާޓާރ ފައިނަލުން ބާޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިޔުނިކްގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލް ޖަހައި ލީޑް ނެގީ ޔުވެންޓަސްއެވެ. މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ ޕައުލް ޕޮގްބާ އަދި ޚުއާން ކުއަޑްރާޑޯއެވެ. 

ދެވަނަ ހާފްގައި ބާޔާނުން މެޗުގައި ޖެހި ފުރަތަމަ ލަނޑު ޖަހައިދިނީ ރޮބާޓް ލެވަންޑޯވްސްކީއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ ތޯމާސް މުލާއެވެ. 

ދެ ލެގުގެ އެގްރިގޭޓަށް ބަލާއިރު ނަތީޖާ ހަތަރެއް ހަތަރަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ އިތުރު ވަގުތުގެ ދެ ހާފް ކުޅޭށެވެ. ޔުވެންޓަސްގެ ސަޕޯޓަރުން ރޮއްވާލައި ބަޔާނުން މެޗް ކާމިޔާބުކުރީ އިތުރު ވަގުތުގެ ފަހު ހާފްގައި ޖެހި ދެ ގޯލާއިއެކުއެވެ. މި ދެ ލަނޑު އެޓީމަށް ޖަހައިދިނީ ތިއާގޯ އަލްކަންޓާރާ އަދި ކިންސްލީ ކޯމަންއެވެ. 

މެޗަށް ފަހު ބަޔާން މިޔުނިކްގެ ކޯޗް ޕެޕް ގާޑިއޯލާ ބުނީ މިދިޔަ އަހަރު ފައިނަލްގައި ވާދަކުރި ޓީމާއި ދެކޮޅަށް ނިކުންނައިރުވެސް މެޗް އުނދަގޫވާނެކަން އިނގޭކަމަށާއި، މެޗުން މޮޅުވީ ކުޅުންތެރިން އެއް ޓީމެއްގެ ގޮތުގައި ދެއްކި މޮޅު ކުޅުމުންކަމަށެވެ.

"މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ޓީމާއި ދެކޮޅަށް މިކުޅުނީ، އެހެންވީމާ މެޗް އުނދަގޫވާނެކަން އިނގޭ ފެށިއިރުވެސް، ހުރިހާ ކުޅުންތެރިންނަށް އައްސަރިބަހާ ސާބަސް ހަމަ މެޗުގައި ދެއްކި ކުޅުމަށް" މި ސީޒަނަށްފަހު ބަޔާން ދޫކޮށްލަން ނިންމާފައިވާ ކޯޗް ބުންޏެވެ.

މީ ޗެމްޕިއަންސް ލީގުގެ ގަދަ އަށަކުން ބަޔާން މިޔުނިކް ޖާގަ ހޯދި ފަނަރަވަނަ ފަހަރެވެ.