ކުޅިވަރު

އައިއޯއައިޖީ 2023: ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީއަށް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އަންހެން ބާސްކެޓްބޯޅަ ފައިވް އޮން ފައިވް އިވެންޓުގެ ސެމީ ފައިނަލަށް އަންހެން ޓީމު ދަތުރުކޮށްފިއެވެ.

ރާއްޖޭގެ އަންހެން ބާސްކެޓް ޓީމުން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު 82-27 ޕޮއިންޓުން ފަސޭހަކަމާއެކު ކާމިޔާބުކޮށް ސެމީ ޔަގީން ކޮށްފައިވާ އިރު، މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ރިޔޫނިއަން ކައިރިން ބަލިވެފައި އޮވެގެންނެވެ. ރާއްޖޭގެ އަންހެން ބާސްކެޓް ޓީމު ހިމެނޭ ގްރޫޕް ބީގައި ތިން ޓީމު ހިމެނޭ އިރު، މިއަދުގެ މެޗުން މޮޅުވެ ސެމީ ޔަގީންވީ ދެވަނަ ޓީމުގެ ގޮތުގަައެވެ.

މިއަދު ކުޅުނު މެޗު ފެށިގެންވެސް ރާއްޖޭގެ ޓީމުން އައީ ރަނގަޅު ޓެމްޕޯގައި މެޗު ޑޮމިނޭޓް ކުރަމުންނެވެ. ފުރަތަމަ ކުއާޓާ ނިމުނު އިރުވެސް 17-7 އިން ރާއްޖެ ކުރީގައި އޮތް އިރު، އެ ކުއާޓާގައި ސީޝެލްސް ކުޅުންތެރިން ފަރާތުން ފައުލްތައް ގިނަކޮށް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފްރީ ތޮރޯތަކެއް ލިބި ހަމަޖެހިލައިގެން ކުޅުމަށް ފުރުސަތު ލިބުނެވެ. ދެވަނަ ކުއާޓާގައިވެސް 40-14 އިން ލީޑުކޮށް ރާއްޖެއިން ފަސޭހަކޮށް ކުއާޓާ ނިންމާލާފައިވާ އިރު، މިއަދުގެ މެޗުގައި ޓީމުގެ ފަރާތުން ޖުމުލަކޮށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައެވެ.

ތިންވަނަ ކުއާޓާ ނިމުނު އިރު، 66-22 އިން ރާއްޖެ ލީޑުކޮށްފައި އޮތް އިރު، އެ ކުއާޓާގައިވެސް އެ ކުއާޓާގައިވެސް ރާއްޖޭގެ އައިމިނަތު ޝިއުރާއާއި އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އަދި އައިޝަތު އިނާޝާގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގެ ފަހު ކުއާޓާގައި ކޯޗު ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. ރާއްޖޭގެ ޓީމުގެ ފަރާތުން ބުންވަރު ރަނގަޅުކޮށް ފެނިގެން ގޮސްފައިވާ އިރު، ފުލް ކޯޓު ޕްރެސްކޮށް ހަލުވި ޓެމްޕޯއެއްގައި އެޓޭކްތައް ކުރިތަން ފެނިގެން ގޮސްފައިވެއެވެ.

މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އިނާޝާއެވެ. ރަނގަޅު ތިން ޕޮއިންޓްތަކަކާއެކު އޭނާ ވަނީ ޖުމުލަ 25 ޕޮއިންޓް މެޗުގައި ހޯދައިފައެވެ.