މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސްގެ ރަން މެޑަލް ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމުގެ ޕެއާއިން ދިފާއުކުރިއިރު، ފިރިހެން ޑަބަލްސްއިން މޫސާ މުންސިފް އަޙްމަދާއި މުޙައްމަދު ޝައްފާން އިސްމާޢީލުގެ ޕެއާ ރިހި މެޑަލް ހޯދައިފިއެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައިވެސް އަންހެން ޑަބަލްސްއިން ރަން މެޑަލް ހޯދާފައިވަނީ ދީމާ އާއި ރަފާގެ ޕެއާ އެވެ. އަދި އެ ޕެއާ ވަނީ މި އަހަރުގެ މުބާރާތުގައިވެސް ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.
ފައިނަލުގައި ދީމާ އާއި ރަފާގެ ޕެއާ ވާދަކޮށްފައިވަނީ މޮރިޝަސްގެ ޕެއާ އަކާއެވެ. ހޮސެނެއްލީ އާއި ޖަލިމްގެ ޕެއާއާ ވާދަކޮށް، ރަފާ އާއި ދީމާ މެޗު ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. ރާއްޖޭގެ ޕެއާ އިން ސެޓުތައް ކާމިޔާބުކުރީ 11-5، 11-8 އަދި 11-6 ގެ ނަތީޖާއަކުންނެވެ.
މީގެ އިތުރުން ރާއްޖޭގެ ޝައްފާން އާއި މުންސިފްގެ ޕެއާ ފައިނަލް މެޗުގައި މަޑަގަސްކަރައިގެ ޖޮނަތަން އާއި މަހެފާ ލުސިއާނޯ އާ ވާދަކޮށް ބަލިވީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މަޑަގަސްކަރައިގެ ޕެއާ އިން ސެޓުތައް ކާމިޔާބުކުރީ 11-9، 11-8 އަދި 11-4 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައިވެސް ރާއްޖޭގެ ދެ ޕެއާ ވަނީ ވާދަކޮށްފައެވެ. އަންހެން ތިންވަނަ ހޮވާ މެޗުގައި މިޝްކާ އާއި ލައިސާގެ ޕެއާ ވާދަކޮށްފައިވާއިރު، ފިރިހެން ތިންވަނަ ހޮވާ މެޗުގައި އަޚްޔަރު އާއި ޒީސްތުގެ ޕެއާ ވަނީ ވާދަކޮށްފައެވެ. ނަމަވެސް، ދެ ޕެއާއަށްވެސް ވަނީ ނާކާމިޔާބުވެފައެވެ.