ޚަބަރު

ޕީއެސްއެމްއިން ވަކިން ބަހުސް ނުބާއްވާ، ސަންގު ޓީވީގެ ބަހުސްއާއި ގުޅެނީ


  • ރިޔާސީ ބަހުސް ގެނެސްދޭން މަސައްކަތްކުރީ 1 ސެޕްޓެމްބަރުގައި

  • ޕީ.އެސް.އެމްއިން ވަކިން ރިޔާސީ ބަހުސް ނުބައްވާނެ

  • ސަންގު ޓީވީއާއި ގުޅިގެން ބަހުސް ގެންދިއުމަށް ދަނީ ތައްޔާރުވަމުން

ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ރިޔާސީ އިންތިޚާބަށް އިންތިޒާމްކޮށްގެން ބާއްވާ "ރިޔާސީ ބަހުސް" ވަކިން ބޭއްވުމުގެ ބަދަލުގައި ސަންގު ޓީވީއާއި ގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ޕީ.އެސް.އެމްއިން "ރިޔާސީ ބަހުސް" ބޭއްވުމަށް އެންމެ ފުރަތަމަ ކަނޑައެޅި ތާރީޚަކީ އަންނަމަހުގެ 1 ވާ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށެވެ.

ޕީ.އެސް.އެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ. އަދި އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ.

އެހެންކަމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީޚަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް ޕީ.އެސް.އެމްގެ ބަޔާނުގައިވެއެވެ. އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީ.އެސް.އެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީ.އެސް.އެމްއިން ބުނެއެވެ.