މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އިވެންޓުން ރާއްޖޭގެ ފިރިހެން ޓީމު ރިހި މެޑަލް ހޯދައިފިއެވެ.
ބެޑްމިންޓަން ޓީމަށް ރިހި މެޑަލް ލިބުނީ މިއަދު ކުޅުނު ފައިނަލުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ. މި މެޗުން ބަލިވިއިރު، އޭގެ ކުރިން 2015 ވަނަ އަހަރުވެސް ފިރިހެން ބެޑްމިންޓަން ޓީމަށް ރިހި މެޑަލް ލިބުނީ ފައިނަލުގައި މޮރިޝަސް އަތުން ބަލިވުމުންނެވެ.
މިއަދުގެ ފައިނަލު މެޗު މޮރިޝަސް އިން 3-0 އިން ކާމިޔާބުކުރިއިރު، ފުރަތަމަ ޓައިގައި ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ވަނީ މޮރިޝަސްގެ ޖޫލިއެން ޕައުލް އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-10 އަދި 21-9 އިންނެވެ.
ދެވަނަ ސިންގަލްސްގައި ރާއްޖޭގެ ނިބާލްވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް މޮރިޝަސްގެ އެލެގްޒަންޑާ ބޮންގޯޓް ކާމިޔާބުކުރީ 21-13 އަދި 21-18 އިންނެވެ. އަދި ތިން ވަނަ ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު އަޖުފާން ރަޝީދު ވަނީ ކެމްޓިޝް ނަންދާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-13 އިންނެވެ.
މުބާރާތުގެ ފިރިހެން ޓީމް އިވެންޓުން ރާއްޖެއިން ރިހި މެޑަލް ހޯދިއިރު، އަންހެން ޓީމްވެސް ވަނީ ރިހި މެޑަލް ހޯދާފަ އެވެ. މިއީ އަންހެން ޓީމުން ބައިނަލްއަގްވާމީ މުބާރާތެއްގައި ހޯދި ފުރަތަމަ ރިހި މެޑެއްޔެވެ.