ޚަބަރު

އެމްޕީއެލްއަށް ލިބުނު ވެހިކަލްތަކާއެކު މުދާ ކްލިއަރކުރުމުގައި އިތުރު ފަސޭހަތައް ލިބިގެންދާނެ: ޝާޙިދު


  • ކެލްމާ ކުންފުނިން 5 ވެހިކަލްއެއް ވަނީ ހަދިޔާކޮށްފައި

  • މި ކުންފުންފުނީގެ ވެހިކަލްތަކަކީ އެމްޕީއެލްއަށް އިތުބާރު ލިބި މަސައްކަތް ކުރަންފަސޭހަ ވެހިކަލްތަކެއް

  • ކެލްމާ އާއެކު އެމްޕީއެލްއިން މަސައްކަތް ކުރާތާ މިހާރު 16 އަހަަރު މިވަނީ ވެފައި

އެމްޕީއެލްއަށް އަލަށް ލިބުނު ވެހިކަލްތަކާއެކު މުދާ ކްލިއަރ ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، ކެލްމާ ކުންފުނީގެ ފަރާތުން ހަދިޔާކުރި ވެހިކަލްތަކާއި ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ޕޯޓްސް ޓާމިނަލް ހޭންޑިންގ އިކިއުޕްމަންޓް އުފައްދާ ކެލްމާ ކުންފުނިން މިފަހަރު ހަދިޔާކުރީ 3 ޓާމިނަލް ޓްރަކް އާއި 2 ބާޖް ހޭންޑަރެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން މުދާ އުފުލާ ބޭލުމަށް ޚާއްސަކޮށް ވެހިކަލްތަކެއް ހަދިޔާކުރުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ، މި ވެހިކަލްތަކާއެކު އެމްޕީއެލްއިން މުދާ ކްލިއަރކުރުމުގެ މަސައްކަތަށް މިހާރަށްވުރެ އަވަސްކަމެއް ލިބިގެންދާނެކަމަށެވެ.

ޝާހިދު ޢަލީ ވިދާޅުވީ، މިވެހިކަލްތައް ބޭނުންކޮށްގެން ޙިދުމަތް ދޭން ފެށުމުން ޕީކް ދުވަސްވަރުގައި މުދާ އުފުލާ ބޭލުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި މުދާ ކްލިއަރކޮށް ރައްޔިތުންނަށް އަވަސް ޙިދުމަތެއް ދިނުމަށް މަގުފަހިވެގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

"ޕީކް ދުވަސްތަކުގައި މުދާ ކްލިއަރ ކުރުމަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ, މިއިކުއިޕްމަންޓްތަކުގެ ސޭފްޓީއަށް ބަލާފަ މީ މަަސައްކަތް ކުރުމަށް ވަރަށް ފަސޭހަ އިކިއުޕްމަންޓްތަކެއް، އުންމީދަކީ އެމްޕީއެލްއިން މުދާ ކްލިއަރކޮށް ވިޔަފާރިވެރިންނަށް އަވަސް ޙިދުމަތްތަކެއް ފޯރުކޮށްދިނުން"

ކެލްމާއާއެކު އެމް.ޕީ.އެލްއިން މަސައްކަތް ކުރާތާ މިހާރު 16 އަހަަރު މިވަނީ ވެފައެވެ. އެމް.ޕީ.އެލްގެ ކޮންޓެނިނަރުތައް އުފުލުމަށް ވެހިކަލް ގެނައުމަށް ކެލްމާއާއެކު އެކުންފުނިން މަސައްކަތް ފެށީ 2007 ވަނަ އަހަރުގެ ތެރޭގައެވެ.

އެމް.ޕީ.އެލްއިން މުދާ ކްލިއަރކޮށް ވިޔަފާރިވެރިނަށް އަވަސް ޙިދުމަތެއް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ވަނީ ކްލިއަރކޮށް މުދާ ބާލާ ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީއެއްވެސް ޤާއިމްކޮށްފައެވެ.