ޚަބަރު

އިޤްތިޞާދު ފުޅާކުރެވޭނެ ފޯމިއުލަރއެއް އެބައޮތް: ފާރިޝް


  • އިޤުތިޞާދަށް ދިމާވެފައިވާ ދަތިތަކުން އަރަޢިގަނެވޭނޭ ޕްލޭނެއް އެބައޮތްކަމަށް

  • ދިގު މުއްދަތަކަށް ރާއްޖޭގެ ތަރައްޤީގެ ޕްލޭނެއް ފާސް ކުރާނެކަމަށް

  • ބަންކަރިންނާއި، ޓްރާންސިޓް ބަނދަރުތަކާއި، ރީ-އެކްސްޕޯޓް ކުރެވޭ އިކޮނޮމިކް ޒޯންތަކެއް ކަނޑައެޅުން

ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ދަރަނިން އަރައިގަތުމަށް ފޯމިއުލަރއެއް އެބައޮތްކަމަށް، ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަޙްމަދު ފާރިޝް މަޢުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ "ރިޔާސީ ސިޔާސަތު" ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ފާރިޝް މައުމޫން ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދަށް މިހާރު ދިމާވެފައިވާ ދަތިތަކުން އަރާގަނެވޭނޭ މަގު، ކުރަހާފައި އޮންނާނެކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން އައު ދޮރުތަކެއް ހުޅުވާނެ ގޮތްތަކެއް ރާއްވަވާފައި އެބައޮތްކަމަށާއި، މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ އަނދަވަޅުން އަރައިގަތުމަށް އޮތް ޙައްލުވެސް އެނގިވަޑައިގަންނަވާކަމަށް ފާރިޝް ވިދާޅުވިއެވެ. އެއީ އެހެން ޕާޓީތަކުގެ މެނިފެސްޓޯ އާއި އެމަނިކުފާނުގެ މެނިފެސްޓޯގެ އެންމެ ބޮޑު އެއް ތަފާތުކަމަށްވެސް ފާރިޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހުށަހެޅުންތަކުގެ ތެރޭގައި ހުންނާނެ މުޅި ރާއްޖޭގެ އިޤުތިޞާދު އަންލޮކް ކުރާނެ ފޯމިއުލަރ. އަޅުގަނޑުމެންނަށް އެބަ ފެނޭ ރާއްޖެއަށް ކުރިމަތިވެފައި އޮތް ބޮޑު ފައިނެންޝިއަލް ކްރައިސިސް. މިކަމުން އަރާގަނެވޭނެ މަގު އަޅުގަނޑުމެން ކުރަހާފަ އޮންނާނެ." ފާރިޝް ވިދާޅުވިއެވެ.

ފާރިޝްގެ މެނިފެސްޓޯގައި ހިމެނޭ "ދެމެހެއްޓެނިވި ތަރައްޤީ"ގެ ސިޔާސަތުގެ ދަށުން، އިޤުތިޞާދު ފުޅާކުރުމަށް، ދިގުރާސްތާއަކަށް ޤައުމީ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި ރައްޔިތުންގެ ވޯޓަކުން ފާސްކުރަން ވަނީ ހިނަމާފައެވެ. އަދި ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި ޓްރާންސިޓް ބަނދަރާއި، ތެޔޮ ބަންކަރިންގެ އިތުރުން، ރީ-އެކްސްޕޯޓްގެ މަސައްކަތް ހިންގޭ ޚާއްޞަ އިކޮނޮމިކް ޒޯނެއް ކަނޑައެޅުމަކީވެސް ފާރިސޝްގެ މެނިފެސްޓޯގައި ހިމެނޭ އިޤްތިޞާދީ ތަޞައްވުރެކެވެ.