ޚަބަރު

ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު އާދަމް މުޙައްމަދު އަވަހާރަވެއްޖެ


  • އަވަހާރަވިއިރު، ޢުމުރުފުޅަކީ 89 އަހަރު

  • އަވަހާރަވީ މިއަދު މެންދުރު 1:40 ކަންހާއިރު

  • އަވަހާރަވީ އާލަސްކަންފުޅާ ގިނަ ދުވަސްތަކެއްވަންދެން އުޅުއްވުމަށްފަހު

1988 ވަނަ އަހަރުގެ ނޮވެންބަރުމަހުގެ 3 ވަނަ ދުވަހު، ސްރީލަންކާގެ ޓެރަރިސްޓު ޖަމާޢަތަކުން ރާއްޖެއަށް ދިން ކުއްލި ޙަމަލާގައި ދިވެހި ޤައުމަށްޓަކައި ޤުރުބާންވި ޒުވާން އަބުޠާލް ޝަހީދު ކޯޕަރަލް ޙުސައިން އާދަމްގެ ބައްޕާފުޅު އާދަމް މުޙައްމަދު އަވަހާރަވެއްޖެއެވެ.

ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު ހދ. ކުޅުދުއްފުށީ މާވާގެ، އާދަމް މުޙައްމަދު އަވަހާރަވިއިރު ޢުމުރުފުޅަކީ 89 އަހަރެވެ.

ޢާއިލާގެ ފަރާތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވިގޮތުގައި އާދަމް މުޙައްމަދު އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއްވަންދެން އުޅުއްވުމަށްފަހުއެވެ. ބަލި ޙާލަތު ހުރިގޮތުން ފަހުންފަހުން ކާން ދެއްވީވެސް ހޮޅިގުޅައިގެން ކަމަށް އާއިލާއިން ވިދާޅުވެއެވެ.

ޝަހީދު ޙުސައިން އާދަމްގެ ބައްޕާފުޅު އަވަހާރަވީ ހާލުކޮޅުދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު މެންދުރު 13:400 ހާއިރުކަމަށް ޢާއިލާއިން ވިދާޅުވެއެވެ. އާދަމް މުޙައްމަދުގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އިޝާ ނަމާދަށްފަހުގައެވެ. ކަށުނަމާދުކުރުން އޮންނާނީ މަސްޖިދުލް ޙަޟާރާތުގައެވެ.

އާދަމް މުޙައްމަދުގެ ދަރިފުޅު ޙުސައިން އާދަމަކީ މިފަހުން ރާއްޖެއަށް ދިން އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާގައި ޝަހީދުވި 19 ދިވެހިންގެ ތެރެއިން އެކަކެވެ. އަދި 3 ނޮވެންބަރުގައި ޙަމަލާ ދިން ވަގުތު، ސިފައިންގެ ދޮރުވާނެއްގެ ގޮތުގައި ޑިޔުޓީގައި ހުންނެވީވެސް ޙުސައިން އާދަމެވެ. ސިފައިންގެއަށް އަމާޒުކޮށް ޙަމަލާ ދިންވަގުތު، ދުޝްމިނުންނަށް އެއްވެސް ދޫ ދިނުމެއްނެތި ރައްދު ޙަމަލާ ޙުސައިން އާދަމް ދެއްވަމުން ގެންދެވިއެވެ. ޝަހީދުވީ ވަޒަން ހުސްވެ، އެތައް އުންޑައެއް ގަޔަށް އެރިފަހުން ކަމަށް، އެ ދުވަހުގެ މަޢުލޫމާތު ދެއްވާ ބޭފުޅުން ވިދާޅުވެއެވެ.