ޚަބަރު

ސިޔާސީ ނުފޫޒެއް މިހާރަކު ނެތް، ބޭނުން މީހަކަށް ވާދަކޮށް، ބޭނުންއެއްޗެއް ކިޔޭ: މާރިޔާ


  • ކޮންމެ މީހަކަށް އިންތިޚާބުގައި ވާދަކުރުމުގެ މިނިވަކަން އެބައޮތްކަމަށް

  • ނިމިދިޔަ އިންތިޚާބުގައި ހުރިހާ ލީޑަރުން ތިބީ ޖަލުގައިކަމަށް

  • މިހާރު މިިނިވަން ކަމާއިއެކު ޚިޔާލް ފާޅުކޮށް ކެމްޕޭން ކުރެވޭނެކަމަށް

ރާއްޖޭގައި ހުރިހާ ދާއިރާއަކަށްވެސް މިހާބޮޑު މިނިވަންކަމެއް އޮތް ދުވަސްވަރެއް ޑިމޮކްރަސީގެ ހަޔާތުގައި ދެކެފައި ނުވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ކޮންމެ ދުވަހަކު ބާއްވަމުންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ދިވެހިން ދެކުނު އެންމެ ބިރުވެރި، ނާމާން ވެރިކަމަކީ ނިިމިދިޔަ ވެރިކަން ކަމުގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސް ޔާމީނާއި ވާދަކޮށްލަން ތިއްބެވި ހުރިހާ ސިޔާސީ ވެރިން ޖަލަށްލައި ބަންދުކޮށްގެން ކުރެއްވި މަސައްކަތަކީ ވެރިކަން ދިފާރުކުރުން ކަށް މާރިޔާ ތުހުމަތުކުރެއްވިއެވެ.

ނަމަވެސް މިއަދުގެ ތަފާތަކީ ކޮންމެ މީހަކަށްވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބި، މިނިވަންކަމާއެކު ކެމްޕެއިން ކުރުމަށްވެސް ޖާގަ އޮތުންކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިއަދުގެ ހާލަތަށް ބަލާއިރު މިއީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިޚާބު. އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ކޮންމެ މީހަކަށް އެބައޮތް. ކޮންމެ މީހަކަށްވެސް ތިމާއަށް ވާދަކުރުމުގެ ފުރުސަތު އޮތްކަމަށް އެބަބުނެވޭ. އެޔަގީންކަމާއި އިތުބާރު އެބައޮތް، ކުރީގެ ބިރުވެރި މާހައުލެއް ނެތް." މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ މިސަރުކާރު އައުމުގެ ކުރިން މުއައްސަސާތަކާއި ނޫސްވެރިންނާއި، ފަނޑިޔާރުންވެސް ތިބީ ސަރުކާރާއިމެދު ބިރުން އެއްވެސް ވާހަކައެއްދައްކާލަން ނުކެރިފައިކަމަށެވެ. އެތަކެއް ނޫސްވެރިންނެއް ޖަލަށްލައި، ނޫސްތަކުގައި ތަޅު އަޅުވައި، ނޫސް މަޖައްލާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށް އުޅުނު ގޮތް ނޫސްވެރިންނަށް ވަރަށް ސާފުކޮށް އެނގޭނެކަމަށް މާރިޔާ ވިދާޅުވިއެވެ.