ޚަބަރު

އެމް.އެން.ޔޫ ފޮތް މައުރަޒު އަންނަމަހު ބާއްވަނީ


  • މައުރަޒު ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 20 އިން 22 އަށް

  • މިއީ ހުރިހާ ފަރާތްތަކަށް ހުޅުވާލައިން ކުރިއަށްދާ މައުރަޒެއް

  • އެއްވެސް ފީއަކާ ނުލައި ޒިޔާރަތް ކުރެވޭނެ

  • މަޤްސަދަކީ ފޮތް ކިއުމުގެ ޝައުގުވެރިކަން އުފެއްދުމާއި ލިޔުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫގެ އަހަރީ ފޮތް މައުޒަރު އަންނަމަހު ބޭއްވުމަށް ނިންމައިފިއެވެ.

މިއީ އެމް.އެމް.ޔޫއިން 2021 ވަނަ އަހަރު ފެށިގެން ކޮންމެ އަހަރަކު ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ފޮތް މައުރަޒެކެވެ. އެގޮތުން މިއަހަރުގެ މައުޒަރު އަންނަމަހުގެ 20 އިން 22 އަށް އެމް.އެން.ޔޫގެ އިދާރީ މަރުކަޒުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ފޮތް ގަންނަ މީހުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މައުރަޒެކެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ މެންދުރު 02:00 ން ރޭގަނޑު 10:00 އަށް ފޮތް މައުރަޒު ކުރިއަށް ދާނެ ކަމަށް އެމް.އެން.ޔޫއިން ވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ ފަރާތްތަކަށް މި ފޮތް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު 4:00 ން ރޭގަނޑު 10:00 އަށްވެސް މައުރަޒަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އެމްއެންޔޫން ވިދާޅުވިއެވެ.

އެމް.އެން.ޔޫއިން ބާއްވާ ފޮތް މައުރަޒުގައި ތުއްތު ކުދިންނަށް ޚާއްސަ ވާހަކަ ފޮތްތަކާއި، ބޮޑެތި މީހުންގެ ވާހަކަ ފޮތްތައް އަދި ޢާންމު މަޢުލޫމާތު ލިބޭ ފޮތްތައް ހިމެނިގެންދާނެއެވެ. އަދި ސްކޫލު ސްޓޭޝަނަރީއާއި، ދިވެހިންގެ ތަފާތު އުފެއްދުންތައް މި މައުރަޒުގައި ލިބެންހުންނާނެކަމަށްވެސް އެމް.އެން.ޔޫއިން ވިދާޅުވިއެވެ.

މިފަދަ މައުރަޒެއް ބޭއްވުމުގެ މަޤްސަދަކީ ރާއްޖޭގެ ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ޝާއިޢު ނުކުރެވި ހުރި ފޮތްތައް އާންމުންނާއި ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުމެވެ. އަދި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުޞަތު ފަހިކޮށްދީ، ފޮތް ކިޔުމުގެ އާދަ ދިރުވާ އާލާކުރުން ކަމުގައި އެމް.އެން.ޔޫއިން ފާހަގަކުރެއްވިއެވެ.

މައުރަޒަށް ރަޖިސްޓްރީވުމަށް މިހާތަނަށް 10 އަށްވުރެ ގިނަ ލިޔުންތެރިން ރަޖިސްޓަރ ވެފައިވާކަމަށް އެމް.އެން.ޔޫއިން ވިދާޅުވިއެވެ. ފޮތް މައުރަޒަށް ރަޖިސްޓަރވުމުގެ ސުންގަޑިއަކީ މިމަހުގެ 31 ވަނަ ދުވަހެވެ. އެހެންކަމުން މި މުއްދަތު ތެރޭގައި ރަޖިސްޓަރ ވާން ބޭނުންވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރުމަށްފަހު ހުށަހެޅުމަށް އެ ޔުނިވަރސިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.