ޚަބަރު

މިއަދުގެ ޖަލްސާ ބޭއްވޭ ގޮތެއްނުވި، ވަޑައިގަތީ 13 މެންބަރުން


  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87

  • ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުން

  • މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 13 މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން މިއަދުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން ޖަލްސާ ބޭއްވޭ ގޮތެއް ނުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ ކޯރަމަކީ 22 މެމްބަރުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖަލްސާގެ ވަގުތު ހަމަވިއިރުވެސް ކޯރަމް ހަމަވާ ވަރަށް މެންބަރުން ޖަލްސާއަށް ވަޑައިނުގަންނަވާކަމަށެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 13 މެމްބަރުންނެވެ.

އެހެންކަމުން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ނިންމަވައި ޖަލްސާ ނިންމަވާލެއްވިއެވެ. މިއަދުގެ ޖަލްސާއަށް އެެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ މެންބަރުން ހިމެނޭ ދާއިމީ ކޮމިޓާތައް އެކުލަވާލުމުގެ މަސައްކަތްކުރުމަށެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނުިއރު، މިދިޔަ ބުދަ ދުވަހުވެސް ޖަލްސާ ބާއްވާފައެއް ނުވެއެވެ. އެއީ ކޮމިޓީތައް އެކުލަވާލަން ޕާޓީތަކަށް ވަގުތު ދިނުމަށް ކަމަށް ބުނެއެވެ. މަޖިލީހުގެ ނިމިގެން ދިޔަ ދައުރު ޖޫން 22ގައި ނިންމައި ޗުއްޓީއަށް ދިޔަ ފަހުން އަލުން ޖަލްސާތައް ފެށީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ދުވަހު ޖަލްސާއަށްވެސް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެެކުލަވާލުމުގެ މަސައްކަތެވެ. ނަމަވެސް އެމްޑީޕީން ވަކިވެ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގަތް ބޭފުޅުން އެކަން މަޖިލީހަށް އަންގަވާފައިނުވާތީކަމަށް ވިދާޅުވެ ކޮމިޓީ އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.