އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް އެއްވަރުވެއްޖެ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ގިނައިރު ބޯޅަ ގެންދުޅެ ގިނަ ހަމަލާ އުފެއްދީ އާސެނަލްއެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އާސެނަލްގެ ބުކަޔޯ ސަކާ އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ގޯލަށް ވައްދާލައިގެން ފުލަމް އަށް ލީޑު ނަގައިދިނީ އަންދްރޭސް ޕެރެއިރާ އެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ހުއްޓުވަން އާސެނަލްގެ ގޯލް ކީޕަރަށް މާ ބޮޑު މަސައްކަތެއް ނުކުރެވުނެވެ.
މެޗުގައި އާސެނަލްއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. އެއީ ފުލަމްގެ އޭރިއާ ތެރެއިން އާސެނަލްގެ ފަބިއޯ ވިއެރާއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް، 70 ވަނަ މިނެޓުގައި ސަކާ ޖެހި ލަނޑުންނެވެ. އޭގެ ދެ މިނެޓުފަހުން އާސެނަލުން ވަނީ ދެވަނަ ލަނޑެއް ޖަހައި މެޗުގެ ލީޑުވެސް ނަގައިފަ އެވެ. އޭރިޔާ ބޭރުން ވިއެރާ ހުރަސްކޮށްދިން ބޯޅަ ގޯލަށް ވައްދާލައިގެން އެ ޓީމަށް ލީޑު ނަގައިދިނީ އެޑީ އެންކެޓިއާ އެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް، ފުލަމްއިން ނަތީޖާ ހަމަހަމަކުރި އެވެ. ރީޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޕަލީނާ އެވެ. މިއީ އޭނާ އޭނާ އެކުލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މިއީ މި ސީޒަންގެ ލީގުގައި އާސެނަލް ކުޅުނު ތިން ވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. ފުލަމް ކައިރިން ތިން ޕޮއިންޓު ހޯދައިގެން ތާވަލްގެ އެއް ވަނައިގައި ލީޑު ނެގުމުގެ ފުރުސަތު އާސެނަލަށް އޮތެވެ. މިމެޗު އެއްވަރުވުމާއެކު ލީގުގައި ކުޅުނު ފުރަތަމަ 3 މެޗުން ހޯދި 7 ޕޮއިންޓާއެކު އާސެނަލް އޮތީ ލީގުގެ 3 ވަނައިގައެވެ.