ކުޅިވަރު

ފަހަތުން އަރައި ކާމިޔާބުކުރި ލަނޑުތަކާއެކު ޔުނައިޓެޑަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ފަަހަތުން އަރައި 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފިއެވެ.

މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ ޔުނައިޓެޑުންނެވެ. ނޮޓިންހަމް ފޮރެސްޓުން ވަނީ ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުގެ ހަަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން ފުރަތަމަ ގޯލު ދެ ވަނަ މިނިޓްގައި ޓައީވޯ އަވޮނިޔީ ޖެހިއިރު، އޭގެ ދެ މިނިޓް ފަހުން ދެ ވަނަ ގޯލު ޖެހީ ވިލީ ބޮލީ އެވެ.

މިއީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް ޔުނައިޓެޑް މިހާ އަަވަހަށް ދެ ގޯލު ފަހަތަށް ދިޔަ ފުރަތަމަ ފަހަރެވެ. މެޗުގެ 17 ވަނަ މިނިޓްގައި މާކަސް ރަޝްފޯޑް ނަގައިިދިން ހުރަހަކަށް އަރައި ކްރިސްޓިއަން އެރިކްސަން ވަނީ ޔުނައިޓެޑްގެ ފުރަތަމަ ގޯލު ޖަހައިފައެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދޭން ކަސެމީރޯ އަށް ލިބުނު ފުރުސަތު ނަގާލިި ނަމަވެސް ދެ ވަަނަ ހާފުގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ގޯލު ޖަހައި، ކަސެމީރޯ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފަ އެވެ. ނޮޓިންހަމް އަށް މައްސަލަ ދިމާވީ މެޗުގެ 67 ވަނަ މިނިޓްގައި އެ ޓީމުގެ ޖޯ ވޮރާލް އަށް ރަތް ކާޑެއް ދެއްކުމުންނެވެ.

ނޮޓިންހަމްގެ ކުޅުންތެރިއަކު މަދުވިތާ ނުވަ ވަރަކަށް މިނިޓް ފަހުން މެޗުގެ 76 ވަނަ މިނެޓްގައި ޔުނައިޓެޑް މޮޅުކޮށްދިން ގޯލު ޖެހީ ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް އެވެ. މިއީ ރަޝްފޯޑަށް އޭރިއާތެރެއިން ޑަނީލޯ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި މޮޅާއެކު ތިން މެޗުން 6 ޕޮއިންޓު ހޯދައިގެން ޔުނައިޓެޑު ވަނީ ލީގުގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ.