ޚަބަރު

އުތުރަކީ ސިފައިންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ބޮޑު ދައުރެއް އަދާކުރާ ސަރަޙައްދެއް: މާރިޔާ


  • އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު އޮފީސް މަސައްކަތް ހަވާލުކުރީ8 މަހުން ނިންމާގޮތަށް

  • މިނިސްޓަރ މާރިއާ ވިދާޅުވީ ގަވާއިދާ ޚިލާފްވެގެން އަތުލި %40 އުޅަނދު އަތުލައިގަތީ އުތުރުން

ރާއްޖޭގެ އެންމެ އުތުރަކީ، ސިފައިންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ވަރަށް ބޮޑު ދަޢުރެއް އަދާކުރާ ސަރަޙައްދެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ހދ.ހަނިމާދޫގައި ޤާއިމްކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިކަމަށްޓަކައި ހދ.ހަނިމާދޫގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ މާރިއާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލްއެެވެ.

ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކޮމާންޑްތަކާއި މަރުކަޒުތަކާއި އައުޓްޕޯސްޓްތައް ޤާއިމްކޮށް ތަރުތީބުކުރައްވަމުން ގެންދަވަނީ ދިވެހިރާއްޖޭގެ ޖޯގްރަފީއާއި، ރާއްޖޭގެ މާޙައުލާއި ރަށްތަކުގެ އާބާދީއަށް ވެސް ވަރަށް ބޮޑަށް ބައްލަވައިގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މެރިޓައިމް ސެކިއުރިޓީގެ ގިނަ މަސައްކަތްތައް ހިނގަނީ ރާއްޖޭގެ އުތުރުގައި ކަމަށެވެ. އެހެންކަމުން ޚިދުމަތް އެންމެ ބޭނުންވާ ފެންވަރަށް ދެވޭނީ، އެސަރަޙައްދުގައި ރަނގަޅު ފެންވަރުގެ ކޮމާންޑެއް އޮވެގެންކަމަށެވެ.

" ނޮދަން އޭރިއާގެ އުތުރުންނާއި، އިރުމައްޗާއި، ހުޅަނގުގައި ޤަވާޢިދާއި ޚިލާފަށް މަސްވެރިކަން ކުރުމާއި، ޑްރަގް ޓްރެފިކިންގެ ޢަމަލުތައް ވެސް ހިންގާ. އެހެންވީމާ، އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑުގެ ސަރަޙައްދަކީ ކިހާ މުހިންމު ތަނެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމުގައި މިއީ ވަރަށް ބޮޑު ދައުރެއް އަދާކުރާ ފޯމޭޝަނެއް. އިރާދަކުރެއްވިއްޔާ، މި އާ މަރުކަޒާއެކު މި ފެށެނީ ސިފައިންގެ ޚިދުމަތް މި ސަރަޙައްދުގައި ތަރައްޤީކުރުމުގެ އާ ތަޞައްވުރެއް." ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

ވޭތުވެދިޔަ 5 އަހަރު ކޯސްޓްގާޑުން ނޮދަން އޭރިއާގައި ކަނޑުމަތީގެ 232 ޙާދިސާއެއްގައި ޙަރަކާތްތެރިވެ، 526 ރައްޔިތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އެ އޭރިއާގައި އެކަނިވެސް، ސީ އެމްބިއުލާންސާއި ކޯސްޓްގާޑް އުޅަނދުތަކުގައި 4،000 އަށްވުރެ ގިނަ މެޑިކަލް އިވަކުއޭޝަން ހިންގާފައިވާ ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި، ޤަވާޢިދާއި ޚިލާފަށް ދިވެހި މަސްކަނޑުތަކުން މަސްވެރިކަން ކުރަނިކޮށް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް މި 5 އަހަރު ތެރޭގައި ގެނެވުނު އުޅަނދު ފަހަރުތަކުގެ %41 އަތުލައިގަނެފައިވަނީވެސް ނޮދަން ކޮމާންޑްގެ ސަރަހައްދުންނެވެ. އަދި އެސަރަޙައްދުގައި، 100 އަށްވުރެ ގިނަ އަލިފާނުގެ ޙާދިސާއަކަށް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެފައިވާކަންވެސް މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، މިއީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ. އުތުރަކީ އެންމެ ބާރުބޮޑު އެއް ސަރަޙައްދަށްވާއިރު، ޚިދުމަތް ދިނުމަށް ސަފުތައް ވަރުގަދަކޮށް، އަބަދުވެސް ތިބެންޖެހޭނީ ތައްޔާރުގައިކަމަށެވެ. ޚާއްސަކޮށް ޢިޤްތިޞާދާ ލާމެހިފައިވާ މަސްވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާޢަތަށް ރައްކާތެރިކަން ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށް ޝަމާލް ވިދާޅުވިއެވެ.

"މި އޭރިއާ ކޮމާންޑުން ޒިންމާވާ ސަރަޙައްދުގެ ތެރޭގައި 400 އަށްވުރެން ގިނަ ރަށްތައް އެބަ އޮވޭ. އަދި މި ސަރަޙައްދުގައި 8 އޮޕަރޭޝަނަލް އެއަރޕޯޓް ޤާއިމުކުރެވިފައިވާއިރު މި ސަރަހައްދަކީ މިހާރުވެސް ސަރުކާރުން ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގަވާ އަދި ކުރިއަށް އޮތް އަހަރުތަކުގައި ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ޕްލޭންކުރެވެމުންދާ ސަރަޙައްދެއް." ޝަމާލް ވިދާޅުވިއެވެ.

ނޮދަން އޭރިއާ ކޮމާންޑްގެ އައު ހެޑްކުއޯޓަރޒް ޤާއިމް ކުރުމަށްޓަކައި، ހދ.ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސަވާދެއްވާފައެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހދ.ހަނިމާދޫގައި ޤާއިމްކުރާ ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކްއޯޓަރޒްގެ މަސައްކަތްތައް ރޭވިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. މިއީ 35 މިލިއަން ރުފިޔާއަށް، 8މަސް ދުވަހުން ނިންމާގޮތަށް ސަރުކާރުން ކުރިއަށްގެންދަވާ ޕްްރޮޖެކްޓެކެވެ.