ޚަބަރު

ތެވެލި މަހާސިންތާގައި ފުރަތަމަ ފަހަރަށް އެވޯޑުތަކެއް ތަޢާރަފްކޮށްފި


  • 2 އެވޯޑެއް ވަނީ ތަޢާރަފުކޮށްފައި

  • ޕޭޕަރުތަކަށް އެވޯޑު ދިނުމުގައި 2 ކޮމެޓީއަކުން ހަރަކާތްތެރިވި

  • ކޮންފަރެންސުން މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަ

  • ދިރާސާވެރިންގެ އިތުރު ޕޭޕަރުތައް ލިބިގެން ދިއުމަކީ އުންމީދެއް

  • ރިސާޗުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަކީ އުންމީދެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ "ތެވެލި އިންޓަރނޭޝަނަލް ކޮންފަރެންސް"ގެ ތެރެއިން ފުރަތަމަ ފަހަރަށް އެވޯޑްތަކެއް ތަޢާރަފުކޮށްފިއެވެ.

ތެވެލި ކޮންފަރެންސަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާވެރިންގެ ދިރާސަތައް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ އިތުރުން އެ ދިރާސާތަކާބެހޭ މުހިންމު މަޢުލޫމާތުތައް ހިއްސާކުރުމަށްޓަކައި އެމް.އެން.ޔޫއިން ބައިނަލްއަޤްވާމީ ފެންވަރުގައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސްގެ މިއަހަރުގެ ކޮންފަރެންސް މިމަހުގެ 21 އިން 22 ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ މިހާތަނަށް ބޭއްވި މިފަދަ 6 ވަނަ ކޮންފަރެންސްއެވެ. މިފަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ "ރިސަަރޗް ފޯރ އިންފޯރމްޑް ޕޮލިސީ ޑިސިޝަންސް މި ޝިއާރަށެވެ. މި ކޮންފަރެންސްގައި ޖުމްލަ 161 އެބްސްޓްރެކްޓް ހުށައަޅާފައިވާއިރު އޭގެ ތެރެއިން ބަލައިގަނެފައި ވަނީ 143 އެބްސްޓްރެކްޓެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްވިޗް އޭޝިއާ ޕްރޮމިސް ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް، އެމް.އެން.ޔޫގެ ޖޫނިއަރ ސައިންޓިފިކް އެކްސްޕާޓް ފާތިމަތު ނަފްހާ އާސިމް ވިދާޅުވީ، އެހެން އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ކޮންފަރެންސްގައި އެކި ދާއިރާތަކުން ހުށައަޅާފައިވާ ރިސަރޗް ޕޭޕަރތަކަށް އެވޯޑަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލި ކަމަށެވެ. އަދި އެވޯޑަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ ކޮންފަރެންސްގެ ކުރިންކަން ފާހަގަކުރެއްވިއެވެ. މި އެވޯޑުތަކުގެ ތެރޭގައި އައުޓް ސްޓޭންޑިން ޕޭޕަރ އޮފް ދަ ކޮންފަރެންސް އެވޯޑާއި، އާރލީ ކެރިއަރ ރިސާޗާރސް އެވޯޑް ހިމެނެއެވެ.

ޔުނިވަރސިޓީގެ ފަރާތުން ވާހަކަދައްކަވަމުން، ރިސަރޗް ޑިވެލޮޕްމަންޓް އޮފީސް، އެމް.އެން.ޔޫގެ ސީނިއަރ ރިސަރޗް ފެލޯ ޑރ. ޝަޒްލާ މުހައްމަދު ވިދާޅުވީ، އާރލީ ކެރިއަރ އެވޯޑްސް އަކީ މިވަގުތު ކިޔަވަމުންދާ ނުވަތަ މިއަހަރު ތެރޭގައި ކިޔެވުން ނިމި ރިސާޗް މަސައްކަތް ކޮށްފައިވާ ދަރިވަރުންނަށް ޚާއްސަކޮށް ހުުވާލެވުނު އެވޯޑުތަކެއް ކަމަށެވެ. ހަމައެއާއެކު އައުޓް ސްޓޭންޑިންގް ޕޭޕަރ އޮފް ދަ ކޮންފަރެންސް އެވޯޑަކީ އިތުރަށް ރިސާޗުތައް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުވާލެވުނު އެވޯޑުތަކެއް ކަމަށް ޑރ. ޝަޒްލާ ވަނީ ވިދާޅުވެފައެވެ.

މި ރިސާޗް ޕޭޕަރުތައް ރާއްޖޭގެ މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗް، އެމް.އެން.ޖޭ.އާރް ގެ ޖާނަލް ގައި ޝާއިރު ކުރެވިގެންދާނެ ކަމަށް ޝަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

"މި ޕޭޕަރުތައް އަސްލު ޕިިއާރ ރިވިއުޑް ޕްރޮސެސް އެއްގެ ތެރެއިން މިދަނީ. އެއީ އެކްސްޕާޓްސް ރިވިއުކޮށްގެން، ދެން އޭގެ އިތުރަށް ދެކޮމެޓީއެއް އެކުލަވާލެވުނު މި މަސައްކަތުގަ އެވޯޑްސްތައް އަޅުގަނޑުމެން ކަނޑައެޅުމުގަ. މީގެ ތެރެއިން އެއް ކޮމެޓީއެއް ޝޯޓް ލިސްޓުކުރެވުނު މިކަމަށް ހުޝައެޅުނު ޕޭޕަރުތައް. ދެން އޭގެފަހުން އަލުން އެޕޭޕަރުތައް ރިވިއުކޮށް ދެވަނަ ކޮމެޓީއަކުން އެވޯޑުކޮށްފައިވަނީ" ޑރ. ޝަޒްލާ މުހައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފާތިމަތު ނަފްހާ ވިދާޅުވީ އެވޯޑު ލިބިފައިވާ ފަރާތްތަކުގައި ތެރޭގައި ހިމެނިފައިވަނީ އެކި ދާއިރާތަކުން ރިސަރޗް ޕޭޕަރު ހުށައެޅި ފަރާތްތައް ކަމަށެވެ. މިގޮތުން ތިމާވެއްޓާއި، ދިވެހި ބަހާއި، ތުއްތު ކުދިންނަށް ކުރާ އެހެނިހެން އަސަރުތައް ފަދަ މައުޞޫތައް ހިމެނޭ ރިސާޗުތަކަށް އާރލީ ކެރިއަރ ރިސާރޗާސް އެވޯޑު ލިބިފައިވާކަމަށް ނަހްފާ ވިދާޅުވިއެވެ.

ނަހްފާ އިތުރަށް ވިދާޅުވީ ތެވެލި ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ދިރާސާކުރާ ފަރާތްތަކުން ދެއްވި މައުލޫމާތުތަކުގެ ސަބަބުން ގިނަ ފަރާތްތަކެއްގެ ހޭލުންތެރިކަން އިތުރުވެގެން ދިޔަކަމަށެވެ.

"ތެވެލި މި ކޮންފަރެންސްގެ ދަށުން ވަރަށް ބައިިވަރު މީހުން ހޭލުންތެރިވެގެން ދިޔަ، އަދި އާ ނޮލެޖުތަކެއް ޕަބްލިކަށް ހުށައެޅިގެން ދިޔައީ. ބޭރުގެ ދިރާސާކުރާ ބޭފުޅުންނާއި އަދި އޭގެ އިތުރުން ދިވެހިރާއްޖޭގެ ދިރާސާ ކުރަމުންދާ ބޭފުޅުންގެ، ނިއު ނޮލެޖުތަކެއް ޕަބްލިކަށް އެނގިގެން ދިޔަ." ފާތިމަތު ނަހްފާ ވިދާޅުވިއެވެ.

މިފަހަރުގެ ތެވެލި ކޮންފަރެންސަށްވެސް ރާއްޖޭއާއި ރާއްޖޭން ބޭރުން ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެމް.އެން.ޔޫއިން ވިދާޅުވެއެވެ. މި ކޮންފަރެންސްގައި ރާއްޖޭން ބައިވެރިވި ފަރާތްތަކުގެ ތެރޭގައި، ޔުނިވަރސިޓީގެ އިސްދަރިވަރުންނާއި، އެމް.އެން.ޔޫ ސްޓާފުން، މެރިން ރިސާޗުން އަދި އެހެނިހެން ކޮލެޖުތަކާއި މުވައްސަސާތައް ހިިމެނެއެވެ. އަދި ރާއްޖޭން ބޭރުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ބަންގްލަދޭޝް، އޮސްޓްރޭލިއާ، ސައިޕްރަސް، އިނގިރޭސިވިލާތް، ޖަޕާން، މެލޭޝިއާ، އޮމާން، ބަހްރެއިން، ކްރޮއޭޝިއާ، އިންޑިއާ އަދި ޕާކިސްތާނު ހިމެނެއެވެ.

މި އަންނަ އަހަރުވެސް ރިސާރޗް ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާނެކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ވަނީ ހާމަކުރައްވާފައެވެ.