އަމީނިއްޔާ ސްކޫލުގައި ހުރި ބައި ގަރުނުވީ މަޑިމަސް ވަކަރު ގަސް ވެއްޓިއްޖެއެވެ.
މިގަހަކީ އާންމުންނާއި، އެސްކޫލުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނާއި ދަރިވަރުންގެވެސް ވަރަށް މަގުބޫލު ގަހެކެވެ. ގަހުގެ ސަމާލުކަން ބޮޑަށް ހުއްޓިފައިވަނީ ވަކި ދުވަސް ވަރެއްގައި ގިނަ އަދަދަކަށް މާ އަޅާތީއާއި، މަލުން ލިބޭ ހިޔަލާއިވެސް ގުޅިގެންނެވެ. މިގަސް ވެއްޓުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.
މިގަހަކީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިންދާފައިވާ ގަހެކެވެ. މިގަހަކީ ފަންސާސް އަހަރު ވެފައިވާ ގަހެއްކަމަށް ގަހުގެ މައުލޫމާތު އެނގޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މަޑިމަސް ވަކަރު ގަހަކީ ހޫނު މޫސުން އޮންނަ ގައުމުތަކުގައި ހެދޭ ބަހާރު މޫސުމުގައި މާ އަޅާ ގަހެކެވެ.
ގަސް ވެއްޓުވީ އިއްޔެ އެސަރަހައްދުގައި ކުނި ކަހާފައި ދިޔަތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. ގަސް ވެއްޓުނީ ގިނަ ދުވަސްވެ، މުލުން ލުހެގެންނެވެ. އިއްޔެ ވަނީ ގަސް ވެއްޓުމުން ގަސް ނަގައި އެސަރަހައްދު ސާފުވެސް ކޮށްފައެވެ.
ގަސް ވެއްޓުނުއިރު އެސަރަހައްދުގައި އެއްވެސް މީހަކުވެސް އަދި ސްކޫލުގެ ދަރިވަރަކުވެސް ނެތެވެ. އެހެން ކަމުން ގަސް ވެއްޓިގެން އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ.
މާލެއަކީ ގަސްތައް މަދު، ފެހިކަން ކުޑަ ސިޓީއަކަށްވާއިރު މާލެ ފެހިކޮށް ބޭއްވުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރެއެވެ.