ޚަބަރު

ވާގްނަރ ގުރޫޕުގެ ޕްރިގޮޜިންގެ ޖެޓު ވެއްޓި އޭނާ މަރުވެއްޖެ


ރަޝިޔާގެ ވެރިރަށް މޮސްކޯގެ ހުޅަނގު އުތުރުން އޮންނަ ތިވިއޭ ސަރަޙައްދަށް ވެއްޓުނު މަތިންދާބޯޓެއްގައި ވާގްނަރ ގުރޫޕުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޜިން ހުރި ކަމަށާއި، މި ހާދިސާގައި އޭނާ މަރުވެފައިވާ ކަމަށް ބެލެވޭ ކަމުގައި ރަޝިޔާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. ވާގްނަރއަކީ ރަޝިޔާގެ ކުލީ ސިފައިންގެ ކުންފުންޏެކެވެ. އެ ގުރޫޕުން ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އިސް ދައުރެއް އަދާކޮށްފައެވެ.

ވެއްޓުނު ޕްރައިވެޓް ޖެޓަކީ ޕްރިގޮޜިންގެ ޖެޓެކެވެ. އެ ބޯޓު ވެއްޓުނު ވަގުތު އޭގައި ޖުމުލަ 10 މީހުން ތިއްބެވެ. މި ހާދިސާގައި އެ އެންމެން ވެސް މަރުވެފައިވާ ކަމުގައި ރަޝިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ. ވާގްނަރ ގުރޫޕާ ގުޅުން ހުރި މީޑިޔާތަކުން ދަނީ ބޯޓު ވައްޓައިލާފައި ވަނީ ރަޝިޔާގެ އަސްކަރިއްޔާއިން ހަމަލަދީގެން ކަމަށް ތުހުމަތު ކޮށްފައެވެ. އަދި، ޕްރިގޮޜިން މަރައިލުމުގެ ފަހަތުގައި އޮތީ ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާ ކަމަށް ވާގްނަރއިން ދަނީ ތުހުމަތު ކުރަމުންނެވެ.

ޕްރިގޮޜިންގެ ފައުޖުތަކުން ޖޫން މަހުގެ ތެރޭގައި ވަނީ ރަޝިޔާގެ ސަރުކާރާއި އަސްކަރިއްޔާއާ ދެކޮޅަށް ބަޣާވާތެއް ކުރަން މަސައްކަތް ކޮށްފައެވެ. މި ބަޣާވާތުގެ ދަށުން އޭނާގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ދެ ރަށަކަށް އަތްގަދަކޮށްފައެވެ. އެއީ، ރަސްތޮފާއި ވަރޯނިޝެވެ. ޕްރިގޮޜިން ފެށި ބަޣާވާތް ހުއްޓައިލާފައި ވަނީ މޮސްކޯ ހިފުމަށް އޭނާގެ ފައުޖުތަކުން ދަތުރު ފެށި ފަހުންނެވެ. އެއަށްފަހު އެ ގުރޫޕުގެ ފައުޖުތައް ވަނީ ބެލަރޫސަށް ދަތުރުކޮށްފައެވެ.

ޕްރިގޮޜިން ދަތުރުކުރި ކަމަށް ބުނާ މަތިންދާބޯޓަށް ހަމަލަދީ ވައްޓައިލާފައި މި ވަނީ ރަޝިޔާގެ ވައިގެ ސިފައިންގެ އިސްވެރިޔާ ޖެނެރަލް ސެރްގިޔޭ ސޮރެވިކިން އެ މަޤާމުން ދުރުކުރިތާ އެއް ދުވަސް ފަހުންނެވެ. ޕްރިގޮޜިންގެ ގާތް ރަޙުމަތްތެރިއެއް ކަމުގައިވާ ސޮރެވިކިނަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ އިސް ކޮމާންޑަރެކެވެ. ޕްރިގޮޜިން އިސްވެ ހުރި ފެށި ބަޣާވާތަށް ފަހު ސޮރެވިކިން ވެސް ޢާންމުކޮށް ފެނިފައި ނުވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ހާމަކުރެއެވެ.

ޕްރިގޮޜިންގެ ޖެޓު ވެއްޓިފައި ވަނީ ވެރިރަށް މޮސްކޯއިން ފުރައިގެން ސެއިންޓް ޕީޓަރސްބަރގަށް ދަތުރުކުރި މަގުމަތީގައެވެ. "އެމްބްރަޔަރ-135" މަރުކާގެ މަތިންދާބޯޓު ވެއްޓުނު އިރު އޭގައި ހަތް ފަސިންޖަރުންނާއި ތިން ފަޅުވެރިން ތިބި ކަމުގައި ރަޝިޔާގެ ވައިގެ އުދުހުންތަކާ ބެހޭ އިދާރާއިން ބުންޏެވެ. އޭގެ ތެރޭގައި 2014 ވަނަ އަހަރު ވާގްނަރ ގުރޫޕު އުފެއްދުމުގައި އިސް ދައުރެއް އަދާ ކުރި، އަދި އެ ގުރޫޕުގެ އެއް ބާނީ ކަމުގައިވާ ދްމީތްރީ އޫތްކިން ވެސް ހިމެނެއެވެ. މިހާރު އޭނާ އަކީ އެ ގުރޫޕުގެ އިސް ކޮމާންޑަރެކެވެ.

ޕްރިގޮޜިންގެ މަތިންދާބޯޓު ވެއްޓިފައި ވަނީ މޮސްކޯއާއި ސެއިންޓް ޕީޓަރސްބަރގާ ދެމެދެއްހާ ހިސާބުގައި އޮންނަ ތިވިއޭގެ ރަށެއް ކަމުގައިވާ ކުޜެންކިޔެނާއަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި 62 އަހަރުގެ ޕްރިގޮޜިންގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. ނަމަވެސް، ރަޝިޔާގެ އެއްވެސް އިދާރާއަކުން އެ ކަން ރަސްމީކޮށް ކަށަވަރު ކޮށްދީފައެއް ނުވެއެވެ. 10 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާ ކަމުގައި ރަޝިޔާގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކުރެއެވެ. ރަޝިޔާގެ ދަޢުލަތުގެ މީޑިޔާ ތާސްއިން ރިޕޯޓު ކުރާ ގޮތުގައި މަތިންދާބޯޓު ވެއްޓި އޭގައި ވަނީ ރޯވެފައެވެ. ވާގްނަރ ގުރޫޕާ ގުޅިފައިވާ ގްރޭ ޒޯންގެ ނަން ދީފައިވާ ސޯޝަލް މީޑިޔާ ގުރޫޕުން ބުނީ ވެއްޓުނު މަތިންދާބޯޓާ އެކު ދަތުރު ކުރި ޕްރިގޮޜިންގެ އެހެން މަތިންދާބޯޓެއް ރައްކާތެރިކަމާ އެކު މޮސްކޯއަށް ޖައްސާފައިވާ ކަމުގައެވެ. ވާގްނަރ ގުރޫޕުގައި 25,000 ކުލީ ސިފައިން އުޅެއެވެ.