ޚަބަރު

މާދަމާއިން ފެށިގެން ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރަން ފަށަނީ


  • ކެންޑިޑޭޓުންނަށް ސޮއިކުރެއްވުމުގެ ފުރުސަތު މިމަހުގެ 27 އާއި ހަމައަށް އޮންނާނެ

  • ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށް

  • މިފަހަރުގެ އިންތިޚާބުގައި އަލަށް 27000 އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބޭ

  • މިއިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާ

އަންނަ މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓުގައި މާދަމާއިން ފެށިގެން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ސޮއިކުރަން ފުރުސަތު ހުޅުވާލައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. މިފަހަރުގެ އިންތިޚާބުގައި އަލަށް 27000އަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓާސް ލިސްޓަށް ދެން ބަދަލު ނުގެނެވޭނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ވޯޓާސް ލިސްޓުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ސޮއި ކުރައްވަމުންގެންދަވާ ކަމަށެވެ. އެމަސައްކަތް މިރޭގެ ނިޔަލަށް ނިންމަވާލެއްވުމަށްފަހު މާދަމާއިން ފެށިގެން ކެންޑިޑޭޓުން ލިސްޓުގައި ސޮއިކުރުމަށް ފުރުޞަތު ދެއްވާނެކަމަށެވެ.

ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރައްވަން ވަޑައިނުގެންނެވޭނަމަ، ކެންޑިޑޭޓެއްގެ ސިޓީއަކާއެކު ހުށަހެޅުއްވުމުން އެކެންޑިޑޭޓެއްގެ ފަރާތުން ހުށަހަޅުއްވާ މަންދޫބުންނަށް ސޮއިކުރުމުގެ ފުރުސަތު ދެއްވާނެކަމަށް ހަބީބް ވިދާޅުވިއެވެ. ކެންޑިޑޭޓުންނަށް ލިސްޓުގައި ސޮއިކުރެއްވުމަށް ފުރުސަތު ދެއްވާނީ މާދަމާއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ފެށީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެ އަހަރު ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިނެއްގެ ދަށުންނެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުން ވެސް ހިމެނެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިއީ އެންމެ ގިނަ ކެންޑިޑޭޓުން ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރައްވާ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުންނެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ.