ކުޅިވަރު

އައިއޯއައިޖީ 2023: ޓައެކްވަންޑޯގެ އަމާޒު ރަން މެޑެއްޔަށް


މަޑަގަސްކަރައިގައި އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން މުޅިން އަލަށް ބައިވެރިވާ ކުޅިވަރެއް ކަމަށްވާ ޓައެކްވަންޑޯގެ އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށް އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަބްދުﷲ ފިރުޝާން އަލީ ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިރުޝާން ވަނީ މިފަހަރު ލިބިގެންދިޔަ ފުރުސަތާ ގުޅިގެން ސަރުކާރާއި އޮލިމްޕިކް ކޮމެޓީއަށް ޝުކުރުއަދާކޮށްފައެވެ.

ބައިނަލްއަގުވާމީ މިފަދަ ކުޅިވަރު މުބާރާތެއްގައި އަލަށް ރާއްޖެއިން ވާދަކުރާއިރު، މި ފަހަރު ރަންމެޑަލް ހޯދުމަށް މަސައްކަތް ކުރަނީ އަދުނާން ކަނާނޭގެ އިރުޝާދުގެ ދަށުން ވާދަވެރި ގައުމުތަކުގެ ފެންވަރަށް ބެލުމަށްފަހުއެވެ. އެއީ މިވަގުތުން މި ކުޅިވަރުގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންގެ ފެންވަރަށް ބަލާފައި ރަންމެޑަލް ހޯދަން ޓާގެޓް ކުރީކަމަށް އެ އެސޯއޭޝަނުން ވަނީ ހާމަކޮށްފައެވެ.

ފިރުޝާން ވިދާޅުވީ ވެތުވެދިޔަ ދޮޅުއަހަރެއްހާ ދުވަސް ތެރޭގައި މަސައްކަތް ކުރީ ރަންމެޑަލް ހޯދުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެހެންކަމުން މިފަހަރު އެކަން ހާސިލް ކުރެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ. ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން މެލޭޝިޔާގައި ކުރިޔަށްދިޔަ ތަމްރީންތަކާއި ގުޅޭގޮތުން ފިރުޝާން ވިދާޅުވީ ރާއްޖޭގެ ޓީމުން އަމާޒަށް ވާސިލުވުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށެވެ.

"ވޭތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ގޭމްސްއަށް ފުރުސަތު ލިބުނީސުރެން މިދަނީ ރަން މެޑަލް ހޯދުމަށް މަސައްކަތް ކުރަމުން " ފިރުޝާން ވިދާޅުވިއެވެ.

ފިރުޝާން ވިދާޅުވީ ލަނޑުދަނޑިއެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ. ޓައެކްވަންޑޯ އަކީ މީހާގެ ލައިފްސްޓައިލާ ގުޅުން ހުންނަ ކުޅިވަރެއް ކަމަށާއި މި ކުޅިވަރު ކުޅޭކަމަށް ވާނަމަ އެހެން ކުޅިވަރުތަކާ ދުރުވެ ޓައެކްވަންޑޯ ފޯކަސް ކޮށްގެން ނޫންގޮތަކަށް ކުރިޔަށް ނުދެވޭނެކަމަށް ފިރުޝާން ވިދާޅުވިއެވެ. ފަސް އެތްލީޓުންނާ އެކު ރާއްޖޭގެ ޓައެކްވޮންޑޯ ޓީމް ތައްޔާރުވަމުން ދަނީ މޮރޮކޯގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.