ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ، ފައިނު އިންޖީނުގެއާއި ފެނަކަ އޮފީހާއި އެއަތޮޅު މީދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ރ. ފައިނަށާއި ރ. މީދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރުއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ރ. ފައިނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 520ކިލޯވޮޓްއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ރ. މީދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފް އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް އާރް.ޑީ.ސީން ކޮށްފައިވާއިރު، ޓަރފްއެޅުމުގެ މަސައްކަތްކޮށްފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރަށްވައިގެންނެވެ.