އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) ގެ ކުރީގެ ރައީސް ޙަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓައި، ތަހުގީގް ފަށައިފިއެވެ.
ލުތުފީގެ ޕާސްޕޯޓް ހިފެހެއްޓީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމުގައި އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށެވެ. ލުތުފީގެ ޕާސްޕޯޓް ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ އޭނާ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެންނެވުމުންނެވެ. ލުޠުފީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން ގެންދަނީ ތަހުގީގް ކުރައްވަމުންނެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭސީސީގެ ރައީސްކަމުގެ މަޤާމުގައި ލުތުފީ ހުންނެވަނިކޮށް ވަނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގު ފަށައިފައެވެ. އިތުރު ބަޔަކު ވެސް ހިމެނޭ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވަން އެމްއެމްއޭގައި އުފައްދާފައި އޮންނަ ގައުމީ އިދާރާ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ.
ލުތުފީ ރާއްޖެ ވަޑައިގެން ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެގޮތުން އައްޑޫސިޓީއަށް މުއިއްޒު ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ލުތުފީވެސް ވަޑައިގެންފައިވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ)ގެ ރައީސް ހަސަން ލުތުފީ އެ މަޤާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުގެ ކޮމެޓީން ނިންމުމުން މަޤާމުން އިސްތިއުފާދެއްވީީ 2019 ވަނަ އަހަރުގެ ޖޫން މަހުގައެވެ.