ރާއްޖޭގެ ޑިމޮކްރަސީއާއި އަސާސީ ހައްގުތަކަށް ވަކާލު ކުރެއްވި ސިޔާސީ ދާއިރާ އަދި ނޫސްވެރިކަމުގެ ދާއިރާގެ ޚިދުމަތްތެރިޔާ އިބްރާހިމް ދީދީ (ސަންދާން އަހައްމައިދީ) ނިޔާވެއްޖެއެވެ.
ސަންދާން އަހައްމައިދީ ނިޔާވީ ރޭ މެންދަމުގެ ވަގުތެއްގައެވެ. އުމުރުފުޅުން 72 އަހަރުގައި އަހައްމައިދީ ނިޔާވިއިރު މީގެ އަހަރުތަކެއް ކުރިން ވަނީ ހިތުގެ ސީރިއަސް އޮޕަރޭޝަނެއް ކުރައްވާފައެވެ. ނިޔާވި އާލާސްކަން ފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުންނެވެ.
އަހައްމައިދީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ވަކާލާތުކޮށް ހައްގުތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ވަރަށްބޮޑަށް ހުއްޓިފައި އޮތް ދުވަސްވަރު، ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިންޓަރނެޓްގެ ޒަރީއާއިން ނެރެން ފެށި ސަންދާންގެ އިސްމޭސްތިރިއަކީވެސް އަހައްމައިދީއެވެ. އެމަޖައްލާ ނެރުއްވައި އޭރު ދައުލަތާއި، ރައީސް މައުމޫނަށް ފާޑުވިދާޅުވެ ލިޔުއްވި ބައެއް އާޓިކަލް ތަކާއި ގުޅިގެން 2002 ވަނަ އަހަރު އަހައްމައިދީ އުމުރަށް ޖަލަށް ލެއްވިއެވެ.
އަހައްމައިދީއާއެކު، ސަންދާން ނެރުނު މައްސަލާގައި އެހެން ތިން މީހަކު ވެސް ޖަލަށް ލއެވެ. އެއީ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އާއި އިބްރާހިމް ލުތުފީ (ސަންދާނު ލުތުފީ)ގެ އިތުރުން ފާތުމަތު ނިސްރީނެވެ.
ނަމަވެސް އޭގެ ފަހުން 2006 ވަނައަހަރު އަހައްމައިދީއަށް ރައީސް މައުމޫން ވަނީ މަޢާފު ދެއްވާފައެވެ. އަހައްމައިދީ ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ޤައުމީ ޕާޓީގެ ޑރ.ހަސަން ސައީދަށް ތާއީދު ކުރައްވައި އެޕާޓީގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އަދި އެފަހަރު ދެވަނަ ބުރުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވައި ރައީސް މައުމޫންގެ ވެރިކަން ބަދަލު ކުރުމުގައި އަހައްމައިދީގެ ދައުރުވެސް ބޮޑެވެ.
ސިޔާސީ މަސައްކަތުގައި އަހައްމައިދީ ސަރުކާރުގެ މަޤާމެއް ފުރުއްވީ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި ހިއުމަންރައިޓްސް އެމްބަސަޑަރުގެ މަޤާމެވެ. ނަމަވެސް އެމަޤާމުންވެސް މާގިނަ ދުވަސްތަކެއް ނުވެ އިސްތިއުފ ދެއްވައި ސިޔާސީ އިސްލާހީ ހަރަކާތުގައި ހަރަކާތްތެރިވެވަޑައިގަތެވެ.
އަހައްމަދީގެ ސިޔާސީ އިސްލާހީ މަސައްކަތުގައި ހޭދަކުރެއްވި ދުވަސްތަކަށްފަހު މިފަހުން އާލާސްކަންފުޅާ އުޅުއްވާތީ، އުޅުއްވީ ސިޔާސީ މަސައްކަތާއި ދުރުގައެވެ. އަހައްމައިދީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.