ޚަބަރު

ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލައެއް ހުށައަޅާފައެއް ނެތް: އީސީ


  • ރައީސްގެ ކެމްޕޭންގައި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ޝަކުވާއެއް ލިބިފައިނެތް

  • ކަމާއި ގުޅުންހުރި އިދާރާތަކަށް މައްސަލަ ހުށަހަޅުމަކީ އެންމެ ރަނގަޅުގޮތް

  • ޤާނޫނުތައް އޮތް ގޮތުން ކެމްޕޭނަށް މަޤާމުތަކުގެ ޒިންމާތަކުން އެކަހެރި ނުނެވެވޭ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގެ އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ސަރުކާރުން ބޭނުން ކުރާކަމަށްބުނެ ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ބަޔާނެއް ނެރެފައިވަނިކޮށެވެ.

ދައުލަތުގެ މުދާ ކެމްޕެއިންގައި ބޭނުންކުރާކަމަށް ތުހުމަތުކުރާ ވާހަކަތަކާއި ގުޅިގެން އިލެކްޝަން ކޮމިޝަންސްގެ ނައިބް ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން މައްސަލަ ހުށަހެޅުމަށް ޤައުމީ ކޮންޕްލެއިސް ބިއުރޯއެއް އުފައްދާފައިވާކަމަށެވެ. އިލެކްޝަންގެ އިތުރުން އިންތިޚާބާއި ގުޅުންހުރި މައްސަލަތައް އޭސީސީއާއި، ބޮރޮޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެކަން ހަބީބު ފާހަގަކުރެއްވިއެވެ.

އިންތިޚާބުގައި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށް ކެމްޕޭން ކުރާކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާކަމަށް ހަބީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖަމްއިއްޔާތަކުންވެސް އަދި ވަކިވަކި ފަރުދުންވިޔަސް އިންތިޚާބާއި ގުޅުންހުރި ޝަކުވާއެއް ފާހަގަވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމާއި ގުޅުންހުރި އިދާރާއަކަށް މައްސަލަ ހުށަހަޅުއްވައިގެން ކުރިއަށް ދިއުންކަމަށް ޙަބީބު ވިދާޅުވިއެވެ.

"އަދި މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅިފައެއް ނެތް ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތް." އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.


ރާއްޖޭގެ ޤާނޫނުތައް ހަމަޖެހިފައިވާ ގޮތުން އިންތިޚާބެއްގައި ވާދަކުރައްވާ ބޭފުޅަކީ ޤާނޫނީ ވާޖިބެއް އަދާކުރައްވާ ބޭފުޅެއްނަމަ އެބޭފުޅެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަކުން ދުރަށް ދިއުމަކީ ޤާނޫނުން ޖާގަ ދޭކަމެއް ނޫންކަމަށްވެސް ހަބީބް ވިދާޅުވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއި ތަރައްޤީގެ މަސައްކަތްތައް ނިންމައި ފެށުމަށް ވަކި ތާރީޚެއް ހަމަޖެހިފައި ނެތްކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

މިކަމަށް ޤާނޫނީ ހައްލެއް ގެންނަ ކުރަންޖެހޭ ކަމަކީ މުޅި ނިޒާމަށް ބަދަލު ގެނައުންކަމަށްވެސް ހަބީބް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއި، އެނޫންވެސް އެހެން މަތީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންވެސް ކެމްޕޭންގައި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ހަބީބް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅިއްޖެނަމަ ބަލަންޖެހޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް 17 ދުވަހަށް ވެފައިވާއިރު، އިންތިޚާބުގެ ކެމްޕޭން މުޅި ރާއްޖޭގައި ވަރަށް ފޯރީގައި ދަނީ ކުރަމުންނެވެ. މިފަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ.