ޚަބަރު

ގޯތީގެ ގުރުއަތު ނިމިއްޖެ، ރަޖިސްޓްރީ ހަވާލުކުރުން ބުރާސްފަތި ދުވަހު


  • ގޯތީގެ ގުރުއަތުނެގުން ނިމުނީ އިއްޔެ

  • ރެޖިސްޓްރީ ހަވާލުކުރުން ބުރާސްފަތި ދުވަހު ފަށާނެ

  • މާލޭގެ ރައްޔިތުންނަށް 9000އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވޭ

ބިންވެރިޔާ ސްކީމްގެދަށުން ގޯތި ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ބުރާސްފަތި ދުވަހު ފެށުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ. ގޯތި ލިބުނު މީހުންގެ ގުރުއަތުލުން މިހާރު ވަނީ ނިމިފައެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެދަށުން 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9000އަށްވުރެ ގިނަ ބިމެވެ. ގޯތި ލިބުނު މީހުންނަށް ބިން ލިބޭ ތަން ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތުނެގުން ހަފްތާއަކަށް ވަނީ ކުރިއަށްގެންގޮސްފައެވެ. ގުރުއަތުލުން ކުރިއަށްގެންދިޔައީ ގަލޮޅުގަނޑުގައެވެ.

މި ޕްރޮޖެކްޓްގައި ހުޅުމާލެއިން 1351 ބިން، ގުޅިފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ބިން ދީފައިވެއެވެ. އެއީ ޖުމްލަ 9001 ގޯއްޗެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ ގޯތީގެ ގުރުއަތު ނެގުމުގެ ހުރިހާ މަސައްކަތްތައް ހޯމަދުވަހުގެ ނިޔަލަށް ނިމިފައިވާކަމަށެވެ. އެގޮތުން ގުރުއަތު ނެގުމަށް ނާދެވުނު މީހުންނަށްވެސް އިތުރު ފުރުޞަތެއް ދީފައިވާކަން އާރިފް ފާހަގަކުރެއްވިއެވެ. އަދި ގުރުއަތު ނަގަން ނާދެވުނު މީހުންނާއި ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރުއަތުވެސް، މިނިސްޓްރީގެ އޮފިޝަލުން މެދުވެރިކޮށް މިހާރު ވަނީ ނަގާފައެވެ.

އާރިފް ވިދާޅުވީ މިހާރު ތައްޔާރުވަމުން ދަނީ ގޯތި ލިބުނު މީހުންނަށް ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްކަމަށެވެ. އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އަންނަ ބުރާފަތި ދުވަހު، ގޯތީގެ ލިޔުން ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްކަމަށް އާރިފް ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގޯތި ލިބުނުކަމުގެ ލިޔުމެއް ދިނުމުގެ ބަދަލުގައި، ގޯތީގެ ރެޖިސްޓްރީ ވެރިފަރާތާ ހަވާލުކުރަންކަމަށްވެސް އާރިފް ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީއިދަނީ، ހުޅުމާލެއިން ބިން ލިބުނު މީހުންގެ ބިން ކަނޑާ އެމީހުންނަށް ބިންތައް ބެލޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކާ ނިމެމުންދާވަރަކަށް، އެތަންތަނުގެ ބިންތައް ކަނޑާ ހަވާލުކުރުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެއެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިންމާފައެވެ. ގޯތިތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުން ނިންމާނެކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޫނުކުރާތާ 40އަށްވުރެ ގިނަ އަހަރު ވަނީ ވެފައެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ބަންޑާރަ ގޯތި ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަރަށް މުހިންމު ވަޢުދެކެވެ. އެތަށް އަހަރަކަށްފަހު، މާލޭގެ ރައްޔިތުންގެ މި ހުވަފެން ހަގީގަތަކަށްވުމީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި މާލޭގެ ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.