ޚަބަރު

އުތުރާއި ދެކުނުގައި އާބަން ސެންޓަރުތައް ޤާއިމްކުރާނަން: ނާޒިމް


  • ސިޓީ ޑިވަލޮޕް ކުރުމަށްޓަކައި 2 އާބަން ސެންޓަރު ޤާއިމް ކުރާނެކަމަށް

  • އަތޮޅުތެރޭ ރައްޔިތުންނަކީ، މުއްސަދި، ފުދުންތެރި ބަޔަކަށް ހަދާނެކަމަށް

  • ޕެންޝަން ސްކީމްގެ ދަށުން ފަސޭހަ ކަމާއިއެކު، ޙައްޖަށާއި، ޢުމްރާއަށް ދެވޭ ގޮތް ހަދާނެކަމަށް

ރާއްޖޭގެ އުތުރާއި ދެކުނުގައި 2 އާބަން ސެންޓަރު ޤާއިމްކޮށްދެއްވާނެކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކެންޑިޑޭޓާއިއެކު ޕްރޮގުރާމުގައި، އެހުންތެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ، މާލޭގައި މީހުން ތޮއްޖެހިގެން ދިރިއުޅުމަކީ އެމްއެންޕީގެ ސިޔާސަތެއް ނޫންކަމަށެވެ. ވީމާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މީހުން ދިރިއުޅުމަށް ބޮޑެތި ސިޓީތައް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން 2 އާބަން ސެންޓަރު ޤާއިމް ކުރައްވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގައި މީހުން ދިރިއުޅެމުންދަނީ ވަރަށް ޙާލުގައި ކަމަށެވެ. އަދި އެމީހުންނަށް، އަމާންކަމާއި، މުއްސަނދިކަމާއި، އަދި ފުދުންތެރިބައެއްގެ ގޮތުގައި ދިރިއުޅޭ ބަޔަކަށް ހެދުމަށްޓަކައި މަސައްކަތްކޮށްދެއްވާނެކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"ރާއްޖޭގައި އުތުރާއި ދެކުނުގައި 2 އާބަން ސެންޓަރސް ޤާއިމް ކުރާނަން. އާބަން ސެންޓަރަކީ ބޮޑެތި ސިޓީތައް ހެދުމަށް ޤާއިމް ކުރާ ތަނެއް. މި ސިޓީ ހަދާ މީހުންނަށް ސިޓީގައި އުޅެވޭ ގޮތަށް ހެދުން." ނާޒިމް ވިދާޅުވިއެވެ.


މި ޕްރޮގްރާމްގައި ރައްޔިތުންގެ ޕެންޝަން ސްކީމާއި ގުޅޭގޮތުން ވަހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޕެންޝަނަކީ ރައްޔިތުންނަށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ޕެންޝަނުން ޙައްޖަށާއި، ޢުމްރާއަށް ދިއުމަށް ޚަރަދުކުރެވެން ޖެހޭނެކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެ ކުރިން ނާޒިމް ވަނީ އުމުރުން 55 އަހަރުވުމުން ޕެންޝަން ސްކީމުން ފައިސާ ނެގޭ ގޮތް ހަމަޖައްސަވާދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ނާޒިމް އަންނަނީ ރަށްރަށަށް ވަޑައިގެން ، ރައްޔިތުންނާއި ބައްދަލުކުރައްވާ، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދެއްވާނެކަމަށް ވިދާޅުވަމުންނެވެ.