ކުޅިވަރު

ކާމިޔާބީ މިންކުރާނީ މެޑަލްތަކަކުން ނޫން، ހޯދާ ކުރިއެރުމުން: މުންތަގިމް


ކާމިޔާބީ މިންކުރަނީ ލިބޭ މެޑަލްތަކުގެ އަދަދުން ނޫން ކަމަށާއި، އޭގެ ބަދަލުގައި ކާމިޔާބަށް ބަލަނީ އެތުލީޓުން ހޯދާ ކުރިއެރުމަށް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް ވިދާޅުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހު މަޑަގަސްކަރައިގައި ފެށުމަށް ހަމަޖެހިފަވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރާ ޤައުމީ އެތުލެޓިކްސް ޓީމާ ގުޅޭ ގޮތުން ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން މުންތަގިމް ވިދާޅުވީ ގޭމްސްއަށް ތައްޔާރުވަމުން އަންނައިރު އެންމެ ފަހުން ބޭއްވި މުބާރާތްތަކުން ލިބުނު ކާމިޔާބާއެކު މިފަހަރު ގޭމްސްގައި ރަނގަޅު ވަނަތެކެއް ލިބިގެންދާނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.

އެތުލެޓިކްސްގައި ވާދަކުރާ އަންހެން ޓީމަށް އަލިއަޅުވާލައި މުންތަގިމް ވިދާޅުވީ އެ ޓީމަށް މީގެ ދެ އަހަރު ކުރިން މި ފަހަރުގެ ގޭމްސްއަށް އަމާޒުކޮށްގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށްގެންދެވުނު ކަމަށާއި، އެހެންކަމުން އަންހެން ޓީމުން ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މުންތަގިމް ވިދާޅުވީ އެތުލެޓިކްސް އެސޯސިއޭޝަނުން އަބަދުވެސް ބަލަމުންދާނީ އެތުލީޓުން ޓައިމިންގައި ހޯދާ ކުރިއެރުމަށް ކަމަށާއި، އެހެންކަމުން ވަކިވަކި ކުޅިވަރުތަކަށް ބަލާއިރު އޮންނަ ޕްރެޝަރު ކުޑަ ކަމަށެވެ. އަދި މި ފަހަރުގެ އަމާޒަކީ އެންމެ ފަހުގެ ގޭމްސްގައި ހޯދި ތިން މެޑަލް ދިފާއުކޮށް، އިތުރު ކުރިއެރުން ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.

މުންތަގިމް ވިދާޅުވީ ރާއްޖޭގެ އެތުލީޓުންގެ އެންމެ ފަހުގެ ޕާފޯމަންސަށް ބަލާއިރު އެތުލީޓުން ފެންވަރު މަތިވެފައިވާ ކަމަށާއި، އެހެންކަމުން މިފަހަރުގެ ގޭމްސްގައި ކާމިޔާބު ހޯދިދާނެކަމުގެ އުއްމީދުވެސް ބޮޑު ކަމަށެވެ.

"
އަޅުގަނޑުމެންގެ ޓީމުގައި ޒުވާން އެތުލީޓުންނާއި، ތަޖުރިބާ ހުރި އެތުލީޓުންވެސް އެބަތިބި. ސީނިއާ އެތުލީޓުންގެ ފަރާތުން ޖުނިއާ އެތުލީޓުންނަށް ވަރަށް ހިތްވަރު ލިބޭ. އެހެންވީމަ މިގޮތުން ބަލާއިރު ވަރަށް ރަނގަޅު ކޮންބިނޭޝަނެއް މި ފަހަރު މި އޮތީ.
އަޙްމަދު މުންތަގިމް - އެތުލެޓިކްސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ

މުންތަގިމް ވިދާޅުވީ އެތުލެޓިކްސްއަކީ އިންޑިވިޖުއަލް ކުޅިވަރަކަށް ވެފައި، އެތުލީޓުންގެ ހުނަރުން ތަރަށްގީވާ ކުޅިވަރަކަށް ވުމާއެކު، މި ފަހަރު ހޯދާނެ މެޑަލްގެ އަދަދު ކަނޑައަޅަށް އުނދަގޫ ކަމަށެވެ. އެހެންނަމެވެސް އެތުލެޓިކްސްއިން މަސައްކަތް ކުރާނީ އެންމެފަހުން ބޭއްވި ގޭމްސްއަށް ވުރެ ގިނަ މެޑަލް ހޯދުމަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.