ޚަބަރު

މާފަރު ހުރިހާ ގެއަކަށް ކަންނެލި; ފަޅުތެރެއިން 300 އަށްވުރެ ގިނަ ކަންނެލި ހިފުނު


  • މާފަރު ފަޅަށް ކަންނެލި އައިން ވަނީ ހަވީރު 04:00 ހާއިރު، އައިން ހިފައި އެއްގަމަށް އެރުވުނީ ރޭގަނޑު

  • 300-400 ކަންނެލި ހިފުނު

  • ރަށުގެ ހުރިހާ ގޭބިސީއަށް ވަނީ ކަންނެލި ބަހާފައި

ރަށްރަށުގެ ފަޅުތެރެއަށް މަސް އައިން ވަނުމުން، މަސްތައް ހިފަން ރަށުގެ ރައްޔިތުން ވަރަށް ފޯރިއާއެކު ނިކުމެއެވެ. މީގެ ކުރިން މިހެން ރަށްރަށުގެ ފަޅުތެރެއަށް ވަންނަނީ ލައްޓި އާއި ރިއްމަހެވެ. ނަމަވެސް މިއަދު ނ. މާފަރު ފަޅަށް މިވަނީ ކަންނެލި ވަދެފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ރަށެއްގެ ފަޅަށް ކަންނެލި ވަދެގެން ހިފިކަން އެނގުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މާފަރަށް ރިއްމަހާއި ކަށި މަސްއައިން ވަދެއެވެ. ނަމަވެސް މިފަހަރުގެ މަންޒަރު ތަފާތެވެ.

ނ.މާފަރު ފަޅަށް މަސް ވަދެގެން އުޅޭކަން އެނގި އެމަސް ހިފަން ރައްޔިތުން މޫދަށް އެރުނީ މިއަދު ހަވީރު 04:00 ހާއިރެވެ. ރައްޔިތުން ފަޅުތެރެއަށް އެރުނުއިރު އެއީ ކަންނެލި ކަމެއް ނޭނގެއެވެ. ނަމަވެސް ފަޅަށް ވަނީ ބޮޑު ކަންނެލިކަން އެނގުމުން އެކަމުގެ ފޯރި އިތުރަށް ގަދަވެ ކަންނެލި ހިފަން ރަށުގެ ހުރިހާ ރައްޔިތުންހެން ބައިވެރިވިއެވެ.

މިމަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތައް އެކި މީޑިއާތަކުގައި ވަނީ އާންމުކޮށްފައެވެ.

މާފަރުން ވާހަކަ ދެއްކި ކައުންސިލް މެންބަރަކު ވިދާޅުވީ ހަވީރުން ފެށިގެން ކުރި މަސައްކަތުން ކަންނެލި އައިން ގޮނޑުދޮށާ ހަމައަށް ގެނެވުނީ މިރޭ 07:30 ހާއިރުކަމަށެވެ.

މިކަމުގައި ރަށުގެ ފިރިހެނުންނާއި އަންހެނުންނާ ކުޑަކުދިންނާއި ރަށަށް ގޮސްތިބި މެހުމާނުންވެސް ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

ކަންނެލި އައިނުން ގާތްގަނޑަކަށް 300-400 އާ ދެމެދުގެ ކަންނެލި ހިފިކަމަށް ކައުންސިލް މެންބަރު ވިދާޅުވިއެވެ. އަދި ކަންނެލިތައް ރަށުގެ ހުރިހާ ގެއެއް ހިމެނޭހެން ބަހާފައިވާ ކަމަށާއި ކޮންމެ ގެއަކަށް ކަންނެއްޔަކާއި ކަންނެލިފަޅިއެއް ލިބުނުކަމަށް ކައުންސިލުން މަޢުލޫމާތުދިނެވެ.

ރަށުގެ ރައްޔިތުން ބުނާގޮތުގައި މިއީ ހަނދާން ހުންނަން ފެށިފަހުން އެރަށަށް ކަންނެލި ވަތް ފުރަތަމަ ފަހަރެވެ. ވަރަށް ކުރީގެ ޒަމާނެއްގައި މާފަރަށް ކަންނެލި އައިނެއް ވަދެ، އެ ހިފިކަމަށް ރަށުގެ ފަރާތްތަކުން ބުނެއެވެ. ކޮންމެއަކަސް މިއީ މުޅި ރާއްޖެއަށް ބެލިއަސް ވަރަށް އާ ކަމެކެވެ.