ނިއު ޒީލަންޑާއި އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ފީފާ ވިމެންސް ވޯލްޑް ކަޕް 2023 ގެ ފައިނަލް މެޗުގައި އިންގްލަންޑް ބަލިކޮށް، ސްޕެއިނުން ފުރަތަމަ ފަަހަރަށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ.
އެންމެ ފަހުން ބޭއްވި އަންހެން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާއި ފައިނަލީސިމާ މެޗު ކާމިޔާބުކުރި އިންގްލަންޑް، މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެކަމަކު މިއަދު ކުޅުނު ފައިނަލުން އިންގްލަންޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ސްޓޭޑިއަމް އޮސްޓްރޭލިއާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އޯލްގާ ކާމޯނާއެވެ. އޭގެ ފަހުން ލީޑު ފުޅާކުރަން މެޗުގެ ދެވަނަ ހާފުގައި ސްޕެއިނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ޖެނީ ހާމޯސޯ ފޮނުވާލި ޕެނަލްޓީ އިންގްލަންޑުގެ ގޯލްކީޕަރު މެރީ އާޕްސް ވަނީ މަތަކޮށްފައެވެ.
ފައިނަލް މެޗުން އިންގްލަންޑް ބަލިވިއިރު، އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ފައިނަލުން ބަލިވި ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މި ވަގުތު އިންގްލެންޑަށް އިރުޝާދުދެމުން އަންނަ ސަރީނާ ވައިގްމަންއެވެ. އެެހެންކަމުން އޭނާ ވެފައި ވަނީ ޖެހިޖެހިގެން އަންހެން ވޯލްޑް ކަޕެއްގެ ދެ ފައިނަލުން ބަލިވި ފުރަތަމަ ކޯޗަށެވެ.