ޚަބަރު

ގޯތީގެ ގުރުއަތަށް ނާދެވުނު މީހުންނަށް މާދަމާ އިތުރު ފުރުޞަތެއް


  • ގުރުއަތަށް ނާދެވުނު މީހުންގެ ގުރުއަތުލުން އޮންނާނީ މާދަމާ

  • ގުރުއަތުލުން ކުރިއަށްދާނީ ގަލޮޅުދަނޑުގައި ހެނދުނު 10:00ގައި

  • ބަދަލުގައި މީހަކު ނުފޮނުވޭ ފަރާތްތަކުގެ ގުރުއަތު ނަގާނީ މިނިސްޓްރީގެ ފަރާތުން

ގޯތި ލިބޭ ތަން ކަނޑައެޅުމަށް ނެގި ގުރުއަތުގައި، މިއަދުގެ ނިޔަލަށް ހާޒިރު ނުވެވުނު މީހުންނަށް ދޭ އިތުރު ފުރުޞަތުގެ ގުރު ނެގުން މާދަމާ ކުރިއަށްދާނެ ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރިއަށްގެންދާ "ބިންވެރިޔާ" ސްކީމްގެދަށުން ގޯތި ލިބުނު މީހުންނަށް، ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތު ނެގުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ހައުސިން މިނިސްޓްރީން ވިދާޅުވީ މިހާތަނަށް ގުރުއަތުލުން ކުރިއަށްގެންދިޔަ 5 ދުވަހު، ގުރުއަތު ނެގުމަށް ނާދެވުނު މީހުންނަށް އިތުރު ފުރުޞަތެއްދެއްވުމުގެ ގޮތުން މާދަމާ ހެނދުނު 10:00ގައި ގަލޮޅު ދަނޑުގައި ގުރުއަތުލުން ކުރިއަށްގެންދަވާނެކަމަށެވެ. ބިން ލިބުނު މީހާއަށް ނާދެވޭނަމަ، ބަދަލުގައި އެހެން މީހަކުވެސް ފޮނުވިދާނެ ކަމަށާއި، އެހެން މީހަކު ފޮނުވާނަމަ ގެދޮރުވެރިޔާ ޕޯޓަލްގައި ރަޖިސްޓްރީކުރަންވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ބިންލިބުނު މީހާ ނުވަތަ ބަދަލުގައި މީހަކު ނުފޮނުވާ މީހުންގެ ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ، މީޑިއާގެ ކުރިމަތީގައި މިނިސްޓްރީގެ އޮފިޝަލުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ.

ބިންވެރިޔާ ސްކީމްގެދަށުން 19000އަށްވުރެ ގިނަ މީހުންނަށް ގޯތި ލިބޭއިރު، އެއީ 9000އަށްވުރެ ގިނަ ޕްލޮޓެވެ. އެއީ ވަކިވަކި ފަރުދުންނަށް ލިބޭ ގޯއްޗާއި، ޖޮއިންޓް އުސޫލުން ގިނަމީހުން ބައިވެގެން ލިބޭ ގޯތިތަކެވެ.

ގޯތި ލިބޭ ތަން ކަނޑައަޅާ ގުރުއަތަށް، އެމީހަކު ހާޒިރުވާންޖެހޭ ތަނާއި ވަގުތު، ގެދޮރުވެރިޔާ ޕޯޓަލްއިން ބެލޭނެއެވެ.

ގުރުއަތުނެގުމުގެ މަސައްކަތް 7-10 ދުވަހަށް ކުރިއަށްދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ނަމަވެސް މިހާރު ވަނީ ގުރުއަތުނެގުމުގެ ބޮޑު ބައެއް ނިމިފައެވެ. އެގޮތުން 4000 އަކަފޫޓާ، 2450، 3250 އަދި 3650 އަކަފޫޓު ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުނެގުން މިހާރުވަނީ މުޅިން ނިމިފައެވެ. އެއީ ޖުމްލަ 847 ޕްލޮޓެވެ.

ޖުމްލަ 8 ސައިޒެއްގެ ގޯތި މި ސްކީމްގެ ދަށުން ދޫކުރެއެވެ. ބާކީތިބި މީހުންގެ ގުރުއަތުލުންވެސް ގަލޮޅު ދަނޑުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.