ކުޅިވަރު

ބެލިންހަމުގެ ދެ ލަނޑާއެކު ރެއާލަށް މޮޅެއް


ސްޕެނިޝް ލީގުގައި ރޭ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ކާމިޔާބުކުރި ދެ ލަނޑާއެކު، ރެއާލް މެޑްރިޑުން އަލްމޭރިއާ ބަލިކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ތިންވަނަ މިނެޓުގައި އަލްމޭރިއާ އިން ވަނީ ލީޑުނަަގައިފަ އެވެ. ރޮބާޓޯން ނެގި ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަރީބާސްއެވެ. އެކަމަކު މެޗުގެ 19 ވަނަ މިނެޓުގައި ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ 60 ވަަނަ މިނިޓްގައި ޓޯނީ ކްރޫސް ނެގި ހުރަހަކަށް އަރައި، ބެލިންހަމް ވަނީ ބޮލުން ލަނޑެއް ޖަހައި، ރެއާލަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް ތިންވަނަ ލަނޑެއް ޖަހައިދީފައެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބެލިންހަމްއެވެ.

ޑޯޓްމަންޑް ދޫކޮށް 130 މިލިއަން ޑޮލަރުގެ ފީއެއްގައި ރެއާލަށް ބަދަލުވި ބެލިންހަމް މި ވަނީ އެ ޓީމާ ގުޅުނު ފަހުން ކުޅުނު ރަސްމީ ދެ މެޗުގައި ތިން ލަނޑު ޖަހައިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި ލީގުގެ ފުރަތަމަ މެޗުގައި ރެއާލްއިން އެތުލެޓިކް ބިލްބާއޯ އަތުން މޮޅުވި މެޗުގައި ވެސް ބެލިންހަމް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެންމެ ފަހުން، ރެއާލަށް ބަދަލުވެ، ފުރަތަމަ ކުޅުނު ރަސްމީ ދެ މެޗުގައި ދެ ލަނޑު ޖެހީ 2007 ވަަނަ އަހަރު ވެސްލީ ސްނައިޑާއެވެ.

އަލްމޭރިއާ އަތުން ހޯދި މޮޅާއެކު ރެއާލުން ވަނީ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓު ހޯދާފައެވެ.