ކުޅިވަރު

ބޯންމަތު ބަލިކޮށް ލިވަޕޫލަށް ފުރަތަމަ މޮޅު


އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމަތު ބަލިކޮށް ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗުން ލިވަޕޫލް މޮޅުވީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ރޭ ލިވަޕޫލް ދަނޑުގައި ކުޅުނު މެޗުގެ ތިންވަަނަ މިނިޓްގައި ބޯންމަތުން ވަނީ ލީޑު ނަގައިފައެވެ. ލިވަޕޫލް ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް ހޯދައި، ބޯންމަތަށް ލީޑުނަަގައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އެކަމަކު މެޗުގެ 28 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ލުއިޒް ޑިއާޒް ވަނީ ލަނޑެއް ޖަހައި، ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ 36 ވަނަ މިނިޓްގައި ޕެނަލްޓީއެއްގެ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިގެން މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ލީޑް ނަގާދީފައެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ މިޑްފީލްޑަރު ޑޮމިނިކް ސޮބޯސްލާއިއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ 58 ވަނަ މިނިޓުގައި ލިވަޕޫލްގެ އަލެކްސިސް މެކް އަލިސްޓާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އެއީ ބޯންމަތުގެ ރަޔާން ކްރިސްޓީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ. އެކަމަކު މެޗުގެ 62 ވަނަ މިނިޓްގައި ޖޮޓާ ވަނީ ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މޮޅާއެކު ލިވަޕޫލްއިން މިވަނީ ލީގުގައި ކުޅުނު ފުރަތަމަ ދެމެޗުން ހަތަރު ޕޮއިންޓް ހޯދާފައެވެ. އަދި ފުރަތަމަ ދެމެޗުން ބޯންމަތަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.