މަލްޓި ޕާޓީ ނިޒާމުގެ ތެރެއިން ކޮންމެ ވެރިކަމެއް ގެނައުމުގެ އެހީތެރިވެދިން ނަމަވެސް، ހައްޤު ބަސް ބުނާތީ އަބަދުވެސް ލިބެނީ ނިކަމެތިކަން ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ށ.މިލަންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ޤާސިމް ވިދާޅުވީ 2008ވަނަ އަހަރުން ފެށިގެން މިހާތަނަށް އުފެދުނު ކޮންމެ ވެރިކަމަކީ ޖުމްހޫރީ ޕާޓީގެ ފުރިހަމަ ހިއްސާއާއެކު އުފެދުނު ވެރިކަންތަކެއް ކަމަށެވެ. ވެރިކަން ލިބުމުން ކޮންމެ ބޭފުޅަކުވެސް އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށާއި، ޤައުމާއި ރައްޔިތުންގެ މަތިން ހަނދުމަފުޅު ނެތޭކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ ކޮންމެ ސަރުކާރެއްގައިވެސް ލިބޭ ކޮންމެ ހުތުރު ނަމެއްގައި އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހެނީ ޖުމްހޫރީ ޕާޓިންކަމަށާއި، ނަމަވެސް ލިބޭ އެއްވެސް ކާމިޔާބެއްގައި ޖޭޕީގެ ދައުރެއް އޮތްކަމަށް ނުވާކަމަށެވެ. މިކަންކަމާ ގުޅިގެން ކޮންމެ ވެރިކަމެއްގައިވެސް ހައްގު ބަސް ބުނަން މަޖުބޫރުވާކަމަށް ޤާސިމް ވިދާޅުވިއެވެ. އެއިން ކޮންމެ ފަހަރަކު ހައްގު ބަސް ބުނެގެން ލިބުނީ ނިކަމެތިކަން ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުވެވަޑައިގެންނެވި ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުލާސް ރޫމުތަކެއް އެއަރކޮންޑިޝަން ކޮށްދެއްވާނެކަމަށް ޤާސިމް ވައުދުވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ޤާސިމް ވަނީ ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ބަލި މީހުންނަށް ފަރުވާދޭ ތަންތަންވެސް އެއަރކޮންޑިޝަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
"ތިބޭފުޅުން އަޅުގަނޑާ ވެރިކަން ހަވާލުކޮށްފިއްޔާ ނޭއްގާނީ އެއްވެސް ކަމެއް ނުހިނގާނެ. އިއްޔެއަކުވެސް މިއަދަކުވެސް ވެރިކަން ދޭން އަޅުގަނޑަށްވުރެ ވަކި ހައްގު އެހެންމީހަކު ނެތް." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
މިޖަލްސާގައިވެސް އަދި ކެމްޕޭނަށް ވަޑައިގަންނަވާ އެހެން ރައްތަކުގައި ވާހަކަފުޅު ދައްކަވަމުން މިސަރުކާރަށާއި، އަދި ކުރީގެ ސަރުކާރުތަކަށްވެސް ޤާސިމް ގެންދަވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.