ޚަބަރު

އެމްޑީޕީން ކެމްޕެއިނަށް ހުރަސްއަޅައި އަނިޔާވެރިއެއް ނުވާނެ: މާރިޔާ


  • ކެމްޕޭން ޓީމުތަކުން، އަނިޔާވެރިވެ ކެމްޕެއިނަށް ހުރަސް ނާޅާނެކަމަށް

  • ހުރިހާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ޖާގަ އޮންނަންޖެހޭނެކަމަށް

  • މުއިއްޒު ވެވަޑައި ގަންނަވަނީ މިސަރުކާރުން ކޮށްދެއްވަމުންދާ ކަންތައްތައްކަމަށް

ރިޔާސީ އިންތިޚާބުގައި ކޮންމެ ކެންޑިޑޭޓަކަށްވެސް ރަށްރަށަށް ވަޑައިގެން ހަމަހަމަ ކަމާއިއެކު ކެމްޕޭން ކުރުމުގެ ފުރުސަތު އޮންނާންޖެހޭ ކަމަށް ރައީސުލްހުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ކެމްޕޭން ތަރުޖާން މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕޭންގެ މަސައްކަތްތަކާއި ގުޅޭގޮތުން މާރިޔާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކަށްވެސް ކެމްޕޭން ކުރުމުގެ ފުރުސަތު ދެއްވަން ވާނެކަމަށެވެ. ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވީތީ ނުވަތަ ވަކި ފިކުރެއްގެ ބޭފުޅަކަށްވީތީ ކެމްޕޭން ކުރުމަށް ލިބޭ ފުރުޞަތަށް އެއްވެސް ފަރާތަކުން ހުރަސް އަޅުއްވައިގެން ނުވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވީ އިއްޔެ ކ.ގުރައިދޫގައި ހިނގައިދިޔަ ހަމަނުޖެހުމާއި، ހުޅުމާލޭ ފޭސް ދޭއްގައި ހިނގައިދިޔަ ސިޔާސީ ޚިޔާލް ތަފާތުންތަކަށް އިޝާރާތް ކުރައްވައެވެ.

"އަޅުގަނޑުމެންގެ ކެމްޕޭން ޓީމުތަކުން އަނިޔާވެރިވެ، ކެމްޕޭންތަކަށް ހުރަސް އެޅުމަށް ވާގިވެރިއެއް ނުވާނެ. އަބަދުވެސް އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ބޭފުޅުންނަށްވެސް ކެމްޕޭން ކުރުމަށް ޖާގަ ދިނުމަށް. އަދި ސަރުކާރުވެސް ހަމަ އެގޮތަށް ބޭނުންވާތީ އެގޮތަށް މަގުފަހިކޮށް ދިނުމަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނަން." މާރިޔާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައިވެސް މާރިޔާ ވަނީ، ނިމިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަމުގެ ސިޔާސަތާއި މިސަރުކާރުގެ ބޯހިޔާ ވަހިކަމުގެ ސިޔާސަތު އަޅާ ކިޔުއްވައި، ކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. މީގެ އިތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ހުރިހާ ސިޔާސަތެއް ބައްޓަން ކުރައްވާފައިވަނީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާވަނީ އިދިކޮޅު ޕީއެންސީގެ ރިޔާސި ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާ ގިނަ ވައުދުތަކަކީ މިސަރުކާރުން ކޮށްދެއްވަމުންދާ ކަންތައްތަކެއްކަން ފާހަގަ ކުރައްވާފާ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.